އއ. ތޮއްޑޫގައި ޓޫރިޒަމް ކުރިއެރުވުމަށް ހާއްސަ ބްރޭންޑެއް މިއަދު ތައާރަފުކޮށްފިއެވެ.

"ތޮއްޑޫ މޯލްޑިވްސް، ޓްރޮޕިކަލް ޕެރަޑައިސް"ގެ ނަމުގައި ތޮއްޑޫގެ ކޯ-ބްރޭންޑިންއެއް ލޯންޗުކޮށްފައިވަނީ ޓޫރިޒަމް ދުވަހާ ގުޅިގެން ތޮއްޑޫގެ ގެސްޓްހައުސްތަކުގެ ވެރިންނަށް ހާއްސަކޮށްގެން ތޮއްޑޫ ކައުންސިލުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ބްރޭންޑިންގެ ބޭނުމަކީ އެރަށުގެ ހުރިހާ ވިޔަފާރިތަކުންނާއި މުއައްސަސާތަކުން ރަށް އިޝްތިހާރު ކުރުމަށް އެ ބްރޭންޑިން ބޭނުން ކުރުމެވެ.

އެ ރަސްމިއްޔާތުގައި ތޮއްޑޫގެ އެންމެ ގިނަ ދުވަސްވީ ގެސްޓްހައުސް، ސެރީންސައި މޯލްޑިވްސްގެ ތިން ހިއްސާދާރުން ކަމަށްވާ އާދަމް މަޖީދާއި އިބްރާހިމް ޝާނީޒް އަދި ތޮއްޑޫ ކައުންސިލުގެ ރައީސް އަހްމަދު ކަރަމް ބައިވެރިވެވަޑައިގެންނެވިއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ކަރަމް ވިދާޅުވީ، ރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޭރުގެ ޓޫރިޒަމް ފެއާތަކާއި އިވެންޓުތަކުގައި ބައިވެރިވާނެ ކަމަށާއި އެ ފެއާތަކަށް ޒިޔާރަތް ކުރާ މީހުންނަށް ޕްރިންޓު މަޖައްލާއެއް ހަދިޔާކުރާނެ ކަމަށެވެ. އެ މަޖައްލާގައި ރަށުގެ ގެސްޓުހައުސްތަކާއި ގުދުރަތީ ރީތިކަމުގެ އިތުރުން ރަށުގެ ތާރީހާއި ސަގާފީ މައުލޫމާތު ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކަރަމް އިތުރަށް ވިދާޅުވީ ސުވެނިއާ ސެޓުތައް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، ރަށާ ބެހޭ މައުލޫމާތު ލިބޭނެ އޮންލައިން މަޖައްލާއެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ތޮއްޑޫއަކީ މިހާރު ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ. މީގެ ކުރިން ދަނޑުވެރިކަމަށް އެރަށް މަޝްހޫރުވެފައި ވިޔަސް އެރަށަކީ މިހާރު ގެސްޓުހައުސް ވިޔަފާރީގެ ވާދަވެރިކަން ބޮޑު ރަށެކެވެ.

ކަރަމް ވިދާޅުވީ އެރަށުގައި މިހާރު 43 ގެސްޓު ހައުސް ހިންގާ އިރު، ޖުމުލަ އެނދުގެ އަދަދަކީ 558 ކަމަށާއި އިތުރު 24 ގެސްޓުހައުސްއެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.