މުނިފޫހިފިލުވުން

ރިއާ ޗަކްރަބޮތީ ބިގްބޮސް 15 އަށް؟

ސަލްމާން ހާން ގެނެސްދޭ މަގުބޫލު ރިއަލިޓީ ޝޯ ބިގްބޮސް15 އަންނަމަހު 2ގައި ބެލުންތެރިންނާ ހަމައަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ބިގްބޮސް ގެއަށް ވަންނަން ހަމަޖެހިފައިވާ ހުރިހާ ތަރިންގެ ނަންތައް އަދި ކަށަވަރުވެފައި ނުވި ނަމަވެސް، ބޮލީވުޑް ތަރި ރިއާ ޗަކްރަބަތީ މި ޝޯގައި ބައިވެރިވުމަށް އޭނާއަށް ބޮޑު އަގެއް ކިޔާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. މި ޝޯގައި ބައިވެރި ވުމަށް ކޮންމެ ހަފުތާއަކަށް 35 ލައްކަ އިންޑިއާ ރުޕީސް ރިއާ އަށް ވަނީ ހުށަހަޅައިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިކަން އަދި ރިއާގެ ފަރާތުންނާއި ބިގްބޮސް ޓީމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރިއާގެ ވާހަކަ އެންމެ ގަދައަށް ދެކެވިގެން ގޮސްފައިވަނީ އޭނާ ރައްޓެހިވެގެން އުޅުނު ސުޝާންތު ސިންގް ރާޖްޕުތު އަމިއްލައަށް މަރުވި ހަބަރާއެކުގަ އެވެ. ތަފާތު ވާހަކަތައް މީޑިއާގައި ފެތުރުނުއިރު ރިއާ ވަނީ ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށް ހަދާފައެވެ.

މިހާތަނަށް ބިގްބޮސް 15 ގައި ބައިވެރިވާނެކަން ޔަގީންކުރެވިފައިވާ ބައިވެރިންގެ ތެރޭގައި ކަރަން ކުންދުރާ، ތެޖަސްވީ ޕްރަކާޝް، ޑޮނާލް ބިޝްތު، ޕްރަތީކް ސެހެޖްޕާލް، ޝަމީތާ ޝެޓީ، އަކާސާ ސިންގް، އުމަރު ރިޔާޒް، ސިމްބާ ނާގްޕަލް، ސާހިލް ޝްރޮފް އަދި ވިދީ ޕާންޑިޔާ ހިމެނެއެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވި ޕަންޖާބު ލަވަކިޔުންތެރިޔާ އަފްސާނާ ހާން ޝޯގައި ބައިވެރިވާން ހާސްވެ އޭނާ ކަރަންޓީނު ވާން ހުރި ހޮޓެލުން ނުކުމެގެން ދިޔަ ހަބަރު މީޑިއާގައި ވަނީ ފެތުރިފައެވެ.