ކޮންމެ ވޯޓާ މީޓަރު އަދި ފެން ޓެސްޓު ކުރުމުގެ ހިދުމަތަކުން ދިހަ އިންސައްތަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.
މި ޕްރޮމޯޝަން ފެށީ އެމްޑަބްލިޔުއެސްސީގެ ޝޯރޫމަށް ފަސް އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށް ރޭ ބޭއްވި ހަފުލާގައެވެ. މި ހަފުލާގައި އެ ކުންފުނީގެ އެކި ދާއިރާތަކުގެ ކަސްޓަމަރުންނާއި ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފުގެ އިތުރުން އެކުންފުނީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީ ޝޯރޫމަށް ފަސް އަހަރު ވެގެން ދިޔަ އިރު، ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ރާއްޖޭގެ ސިނާއި ދާއިރާއާ ގުޅުންހުރި ގިނަ އުފެއްދުންތަކެއް އެއް ފުރާޅެއްގެ ދަށުން ބާޒާރަށް ނެރެ، ދުނިޔޭގައި ނަން ހިނގާ މަޝްހޫރު ބްރޭންޑުތައް ދިވެހިންނަށް ވީހާވެސް ކައިރިން ލިބޭނޭގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ޝޯރޫމުން ދޭ ހިދުމަތްތައް ވީހާވެސް ކައިރިން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، ވަރަށް އަވަހަށް ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަފުލާގައި ޝޯރޫމުން ދިގު މުއްދަތަކަށް ވިޔަފާރިކުރަމުންދާ ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިހަ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ވައުޗަރެއްވެސް ވަނީ ހަދިޔާކޮށްފައެވެ.
އެމްޑަބްލިޔުއެސްސީ ޝޯރޫމް ހުޅުވާފައިވަނީ 2016 ވަނަ އަހަރުއެވެ. އެމްޑަބްލިޔުއެސްސީގެ ޝޯރޫމުން ފެނާއި ނަރުދަމާއާ ގުޅުންހުރި ދުނިޔޭގެ ފެންވަރުގެ ޕްރޮޑަކްޓުތައް ލިބެން ހުރެއެވެ. އެގޮތުން އާރްއޯ ޕްލާންޓާއި، މެމްބްރޭންސްއާއި، ޕަންޕާއި، ޓޭންކް، ޕައިޕްސް އަދި ފިޓިންގްސްގެ އިތުރުން ފެން މީޓަރާއި އެހެނިހެން ސްޕެއާ ޕާޓްސް ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ޝޯރޫމް މެދުވެރިކޮށް، އެމްޑަބްލިޔުއެސްސީގެ އައިއެސްއޯ ސްޓޭންޑާޑުގެ ލެބޯރެޓަރީން ދަނީ ރިޒޯޓުތަކާއި، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު