މާލޭގައި ރޯގާއެއް ފެތުރޭތީ، އިންފުލުއެންޒާ އަށް ޓެސްޓުކުރި 209 މީހުންގެ ތެރެއިން 68 މީހަކު އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފެތުރެމުންދާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން މި މަހު އެކަނިވެސް 3720 މީހުން ރިޕޯޓުކޮށްފައި ވާ ކަމަށެވެ. އަދި އެއީ މިދިޔަ އޮގަސްޓު މަހާ އަޅައިބަލާއިރު 60 ޕަސަންޓު އިތުރު އަދަދެއް ކަމަށް ބުންޏެވެ. އެ އެޖެންސީން އިތުރަށް ބުނީ ފާއިތުވި މަސްތަކުގެ ތެރޭގައި އިންފްލުއެންސާ އަށް ޕޮޒިޓިވްވާ މީހުންވެސް އިތުރުވެފައި ވާކަމަށެވެ.
ރޯގާ ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާތީ ބައެއް މީހުން އިންފުލުއެންޒާ އަށް ޓެސްޓު ކުރި ކަމަށާއި އެގޮތުން މިމަހު އިންފުލުއެންޒާ އަށް 209 މީހަކު ޓެސްޓު ކުރި އިރު އޭގެ ތެރެއިން 68 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން އެޗްޕީއޭ އިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މި ދުވަސްވަރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އެކޭ އެއްފަދައިން އިންފްލުއެންޒައަކީ ވެސް ނޭވަލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތައް ކުރިއަށް ގެންދިޔުމަށް ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ. ހުން އައިސް، ރޯގާ ޖެހި ކެއްސާ މީހުން އޯޕީޑީއަށް ދައްކަން ދިއުމުގެ ބަދަލުގައި ފުލޫ ކްލިނިކަށް ދިއުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި ވެއެވެ.
އޭގެ އިތުރުން، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ކޮވިޑަށް ޓެސްޓު ކުރުމަށާއި، އާންމު ތަންތަނުގައި މާސްކު އެޅުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާ ވެކްސިންނާއި ކޮވިޑުގެ ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
މި ބަލިތަކުން ރައްކާތެރިވުމަށް އަމިއްލަ ސާފުތާހިރުކަން ބަހައްޓައި ގިނަގިނައިން އަތްދޮވުމަށް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.