މުނިފޫހިފިލުވުން

"ބޮބީ" އަށް 48 އަހަރު، ރިޝީގެ އަލަތު ފިލްމުގެ އޮފު އަދިވެސް އެގޮތުގައި

މީގެ 48 އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވި ރިޝީ ކަޕޫރު އަދި ޑިމްޕަލް ކަޕާޑިއާ ކުޅުނު ''ބޮބީ''ހިމެނެނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގަ އެވެ.

މިފިލްމުގެ ވާހަކައިން ފެށިގެން ލަވަތަކާއި ކާސްޓުންނާއި އެމީހުންގެ ކޮސްޓިއުމަށް ދާންދެން ވެސް ބެލުންތެރިންނަށް ކަމުގޮސް ފިލްމު ވަނީ ބޮޑު ހިޓަކަށް ވެފައެވެ. ރާޖް ކަޕޫރު ޕްރޮޑިއުސް ކުރި ބޮބީ އިން ރިޝީ ކަޕޫރު ފެނިގެން ދިޔަ ނަމަވެސް މިފިލްމު އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތީ ރާޖޭޝް ކަންނާ އެވެ. މާލީ ދަތިތަކާ ހުރެ ޕްރޮޑިއުސަރު ރާޖް ކަޕޫރަށް ރާޖޭޝް ކަންނާ ހަމަޖެއްސޭ ގޮތެއް ނުވިއެވެ. ''ބޮބީ'' ނެެރެވުނީ ރާޖް ކަޕޫރުގެ އަތްމަތި ދަތި ދުވަސްވަރެއްގައި ކަމަށް މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރިޝީ ވަނީ ބުނެފައެވެ.

ރާޖޭޝް ކަންނާގެ ބަދަލުގައި ރާޖް ކަޕޫރު ވަނީ އޭނާގެ 20 އަހަރުގެ ދަރިފުޅު ރިޝީ ކަޕޫރު މިފިލްމުން ލޯންޗު ކޮށްފައެވެ. ރިޝީއާ އެކު ދެންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ޅަ މޫނެކެވެ. ޑިމްޕަލް ކަޕާޑިއާ މި ފިލްމު ކުޅުނުއިރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. ޑިމްޕަލް ކަޕާޑިއާ އަދި ރިޝީގެ ކެމިސްޓްރީ ގިނަބަޔަކަށް ކަމުގޮސްފައި ވާއިރު އޭގެ ނޭދެވޭ އަސަރު ރިޝީގެ ހަޔާތަށް ކުރިކަމުގައި މީގެކުރިން އޭނާ ވަނީ ބުނެފައެވެ.

ރިޝީ ބުނެފައިވާގޮތުގައި އޭރު އޭނާ އުޅުނީ ޔާސްމީން މެހެތާ ކިޔާ ކުއްޖަކާ ރައްޓެހިވެގެންނެވެ. ނަމަވެސް ޑިމްޕަލް އާއި ރިޝީ އާއި އަޅުވައިކިޔައި ނޫސްތަކުން ފެތުރި ހަބަރެއްގެ ސަބަބުން އެ ގުޅުން ބީވެގެންދިޔަ ކަމުގައި އޭނާ ބުނެފައިވެއެވެ. 1973 ވަނަ އަހަރު ރިލީސް ވި ބޮބީ ކުޅުނުއިރު ޑިމްޕަލް އާއި ރިޝީ ރައްޓެހި ވެގެން އުޅޭ ކަމަށް ބުނެ އޭރުގެ އެެންމެ މަޝްހޫރު އެއް މެގަޒިން ސްޓާޑަސްޓުގައި ވާހަކަ ފެތުރި ކަމަށް އޭނާ ބުނެއެވެ.

ކޮންމެއަކަސް މިފިލްމަށްފަހު ޑިމްޕަލް އަދި ރިޝީ ކަޕޫރު ވަނީ އިންޑަސްޓްރީގައި ވިދާލައިފައެވެ. ބެލުންތެރިންނާ ހަމައަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައެވެ. ރިޝީ ކަޕޫރު މިދުނިޔެއާ ވަކިވެފައިވާއިރު، އޭނާގެ އަލަތު ފިލްމު ބޮބީ އިން ހަނދާން އާކޮށްލުން ކީއްތޯއެވެ؟