ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބޭ ގޮތަށް ހިންގާ ވިޔަފާރިތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށް ބާރު ލިބޭ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެެވެ.
ސަރުކާރުގެ ފަރާތުން ފޮނުވި އެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލް ހަކީމެވެ.
ބިލުގައި ބުނެފައި ވަނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމާއި އެފަދަ ވިޔަފާރިތަކުގެ ހާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުމާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރެވޭ މުއްދަތު އިތުރުކޮށް އެފަދަ ވިޔަފާރި އެހެން ފަރާތަކަށް ބަދަލުކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކުރުމާއި ދިވެއްސަކު ނިވާފަތްގަނޑަކަށްވެ ހުރެ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް، ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
އެ ބިލުން ގާނޫނަށް އަލަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލު ކުރެވޭނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން މަސްއޫލުވެރިޔާގެ ފަރާތުން ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް އައްޔަންކުރާ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމަށްވުމާއި ރާއްޖޭގައި ދިރިއުޅޭ މީހަކަށްވާން ޖެހޭނެ ކަމަށް ހިމަނާފައިވެއެވެ.
އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ކުރިއަށްދާ ގޮތް ދެނެގަތުމަށްޓަކައި، ހޯދަންޖެހޭ ކަމަށް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މައުލޫމާތު އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކޮންމެ އަހަރަކު މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އެ މައުލޫމާތު ހުށަހަޅާފައިނުވާ ފަރާތުގެ މައުލޫމާތު ބަލައި ގަނެވޭނީ 500 ރުފިޔާގެ ޖޫރިމަނާއަކާއެކުގައި ކަމަށްވެސް ހިމަނާފައިވެއެވެ.
ވިޔަފާރީގެ ވެރިފަރާތް ބަދަލު ކުރި ނަމަވެސް، އެކަމާބެހޭ ސެޓްފިކެޓް ދޫކުރާ ތާރީހާ ހަމައަށް، އެ ވިޔަފާރި ރަޖިސްޓްރީ ކުރި ފަރާތުގެ ހައްގަކަށް ނުވަތަ ވާޖިބަކަށް، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަމުގައި އޭނާ ކޮށްފައިވާ މުއާމަލާތަކުން ލިބޭ ފައިދާއާއި ގެއްލުމަށް އަދި އެ މުއްދަތުގެ ތެރޭގައި ހިންގާފައިވާ މުއާމަލާތަކާ ގުޅިގެން އުފުލޭ ދައުވާއަށް ޖަވާބުދާރީވުމުގެ ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށްވެސް ހިމަނައިފައިވެއެވެ.
ގާނޫނުގައި މިހާރު ހިމެނޭ މުއްދަތުތަކަށް ބަދަލުތަކެއް ގެނައުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތު ފަސް އަހަރު ދުވަހުން 10 އަރުރު ދުވަހުގެ މުއްދަތަށް ބަދަލުކުރަން ހިމަނާފައިވެއެވެ.
އަދި މުއްދަތު ހަމަވުމަށްފަހުގައިވެސް، އެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުންނަމަ އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރަން ހުށަހަޅަންޖެހޭނެކަމަށް މިހާރު އޮތް ނަމަވެސް، އެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކުރަން ބިލުގައި ހިމަނާފައިވެއެވެ. އެގޮތަށް ހުށަހަޅައިފިނަމަ ފަސް އަހަރުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އޮތް މާއްދާވެސް 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރަންވެސް ހިމަނާފައިވެއެވެ
އެ ގާނޫނާ ހިލާފަށް އަމަލުކޮށްފި މީހަކު، އޭނާ ހިންގި އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި، 1000 ރުފިޔާއާއި 20000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މިހާރު އޮތް ނަމަވެސް، އެފަދަ ފަރާތްތައް 10000 ރުފިޔާއާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ރަޖިސްޓްރާއަށް ދޭން ވަނީ ހުށަހަޅައިފައެވެ. އަދި އަމިއްލަ ވިޔަފާރިއާ ގުޅޭ ހިދުމަތްތަކަށް ނަގަމުން އަންނަ 100 ރުފިޔާގެ ފީ އުވާލަންވެސް ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު