ރާއްޖޭގައި ހައުސިން ޔުނިޓުތަކެއް ހަދަން ލިބުނު އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނި، އެންބީސީސީގެ ހިއްސާ މައްޗަށް ގޮސްފިއެވެ.

ނޭޝަނަލް ސްޓޮކް އެކްސްޗޭންޖުގައި އެ ކުންފުނީގެ ހިއްސާ ތިން ޕަސެންޓް މައްޗަށް ދިޔައީ ހުޅުމާލެ ފޭސް 2ގައި 2000 ހައުސިން ޔުނިޓު އަޅަން އެ ކުންފުންޏާ ހަވާލުކުރި 130 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ސަބަބުންނެވެ.

އެކަމުގެ އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެންބީސީސީއާއެކު ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުއެވެ. އެ މަޝްރޫއުއަކީ ގައުމުން ބޭރުގައި އެ ކުންފުނިން ހިންގާނެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އިންޖިނިއަރިން، ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓުގެ ދަށުންނެވެ.

އެންބީސީސީ އަކީ އިންޑިއާ ސަރުކާރުން 1960 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން 2018 ވަނަ އަހަރު އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ކޮންސޮލިޑޭޓެޑް ރެވެނިއު ހޯދާފައިވެއެވެ.

ރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތުގައި ވެސް މި ކުންފުނި ހިއްސާވެއެވެ. އެހެން ބައެއް ގައުމުތަކުގައި އެ ކުންފުނިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި މޮރިޝަސްގެ ޕޯޓް ލުއިސް ގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރު ހިމެނެއެވެ.