އިންޑިއާއަށް އަރާފައިވާ ތޫފާން ގުލާބު ގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ވެ މިހާތަނަށް ދެމީހަކު ވަނީ މަރުވެފައެވެ.

ތޫފާން ގުލާބުގެ ސަބަބުން އާންދުރަ ޕްރަދޭޝްގައި ހޯމަ ދުވަހު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައިވާއިރު މި ތޫފާނުގެ ބާރު މިއަދުން ފެށިގެން ދަށް ވެ ޑިޕްރެޝަން އަކަށް ބަދަލުވެފައިވާ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. ތޫފާނުގެ ބާރު ދަށްވަމުން ދިޔަނަމަވެސް އަރަބި ކަނޑާއި ހަމައިން ބާރު ގަދަވެ އެ ސަރަހައްދުގައި ތޫފާނު ޝާހީން އުފެދިދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އައިއެމްޑީ އާ ހަވާލާދީ ހިންދުސްތާން ޓައިމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ތޫފާން ގުލާބު ލޯ ޕްރެޝަރުގައި މަހާރާޝްތުރަ އަދި ގުޖަރާތު ފަހަނަ އަޅައި ދާއިރު އެސަރަހައްދުތަކަށް ބޯކޮށް ވިއްސާރަ ކުރާނެ އެވެ. އަދި މި ތޫފާނު އަރަބި ކަނޑުން އުތުރަށް ދަތުރުކުރަމުން ދާއިރު، ހުކުރުދުވަހު އެސަރަހައްދުގައި އިތުރު ތޫފާނެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމުގައި ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނިގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިންޑިއާގެ ހުޅަނގަށް ވައިގަދަވާނެ އެވެ. އަދި ދެކުނަށް އާދައިގެ މޫސުމީ ވިއްސާރަ ކުރަމުން ދާއިރު އެގޮތުގައި ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް ދުވަހު ދެމިއޮންނާނެ ކަމަށް ވަނީ ބުނެފައެވެ.