ކުރިއަށް އޮތް ތިން އަހަރު، ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް އޭނާ ސަސްޕެންޑް ކުރި ވާހަކައަކީ ދޮގެއް ކަމަށް މާލޭ ސިޓީ ކައުންސިލުގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "ވަން" އަށް ވިދާޅުވީ ނަހުލާ ސަސްޕެންޑުކޮށްފައި ވަނީ ޕީޕީއެމްގެ ސްލޫކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. ހަ މަސް ދުވަސް ވަންދެން ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަނުދެއްކޭ ގޮތަށާއި ކުރިއަށް އޮތް ތިން އަހަރު ޕީޕީއެމްގެ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ނަހުލާ މިރޭ ވިދާޅުވީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ގުޅުއްވައި އެކަންކަން ސާފުކޮށްފައިވާ ކަމަށެވެ. އަދި އަދުރޭއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށް ދައްކާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

"ޑެޕިއުޓީ މޭޔަރު ނެގުމުގައި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެގެން ކަމަށްބުނެ ޕީޕީއެމް އިން އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅައި އަޅުގަނޑު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓުކޮށްފައިވާތީ އެއީ ކަނޑައެޅިގެން ދޮގެއްކަމުގައި ދަންނަވަން،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ތިން އަހަރު ވަންދެން ޕާޓީގެ މެމްބަރަކު ސަސްޕެންޑް ނުކުރެވޭނެ ކަމަށާއި އެންމެ ގިނަވެގެންވެސް މީހަކު ސަސްޕެންޑް ކުރެވޭނީ ހަ މަހަށް ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ކަމަށެވެ. އަދި ޕާޓީގެ އިންތިހާބުތަކުގައި ބައިވެރިވުމަކީ މެމްބަރަކަށް ލިބިދޭ އަސާސީ ހައްގެއް ކަމަށްވެސް ވިދާޅުވިއެވެ.

"ޕީޕީއެމްގެ އަސާސީ ގަވާއިދާ އަޅުގަނޑު ހިލާފުވެފައެއް ނުވާނެ. އަޅުގަނޑު މިދަނީ ވަގުތުވީ ވަރަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުން. މުޒާހަރާތަކާއި ޖަލްސާތަކުގައިވެސް ބައިވެރިވަމުން،" ނަހުލާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާއަކީ ޕީޕީއެމް މެމްބަރެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިހުލާސްތެރި މަސައްކަތްތަކެއް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.