އިންޑިއާގައި، ނެޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް މަރުވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ޖަނާޒާގެ ކަންކަން އަސްކަރީ އިއްޒަތުގައި މިރޭ ބާއްވައިފިއެވެ.

ސުލްތާންގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މަޣުރިބު ނަމާދަށް ފަހު އާސަރަހާ މިސްކިތުގައެވެ. ސުލްތާންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އއ. ހިމަންދޫ ރޯޒްމީޑު، އުމުރުން 22 އަހަރުގެ ސުލްތާން މަރުވީ މިދިޔަ ހޮނިހިރު ދުވަހު މެންދުރުފަހު އޮތް ދުވުމެއް ފުރިހަމަ ކުރަމުން ދަނިކޮށެވެ. އަދި އިމަޖެންސީގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ބުނެފައެވެ.

ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު 12:43ގައި ރާއްޖެ ގެނެސްފައިވާއިރު، އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ވަނީ އޭނާގެ މަރުވި ސަބަބު ބެލުމަށް ޕޯސްޓް މޯޓަމް ހަދަން ނިންމައިފައެވެ.

ނަމަވެސް އާއިލާގެ މީހަކު "ވަން" އަށް ބުނީ ސުލްތާނުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުން ނުވާތީ ޕޯސްޓްމޯޓަމް ހަދާފައި ނުވާ ކަމަށެވެ. ސުލްތާނަކީ އެ އާއިލާގެ ހުރި ހަމަ އެކަނި ފިރިހެން ކުއްޖާ އެވެ.

ސުލްތާން ސިފައިންގެ ހިދުމަތާ ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭނާ ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗް އެއް ވަނަ ދުވަހުން ފެށިގެން 2024 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1)ގައެވެ.

އޭނާއަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައި ވަނީ މި ކޯސް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.