ޗާއިނާ އާއި ރާއްޖޭގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކޮށް، ޗައިނާއާ ގާތުން މަސައްކަތްކުރަން ބޭނުންވާ ކަމަށް އދ. އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ 72 ވަނަ އަހަރީ ދުވަހާއި އެގައުމުގެ އާ ސަފީރު ވަންގް ލިޖިން މަގާމާ ހަވާލުވެވަޑައިގަތުން ފާހަގަކުރުމަށް މާލޭގައި ހުންނަ ޗައިނާ އެމްބަސީގައި އިއްޔެ އޮންލައިން ކޮށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ޝާހިދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ ޗައިނާ އިން ގެންގުޅޭ ވަން ޗައިނާ ސިޔާސަތުގެ އިތުރަށް، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރުމުގެ ސިޔާސަތުގެ މައްޗަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ، ރާއްޖޭ އާއި ޗައިނާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމު މަސައްކަތް ކުރާނީ އެކުގައި ކަމަށެވެ. ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހިންގެ ނަމުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި އާ ސަފީރު ވާން ލިޖިން އަށް މަރުހަބާ ދަންނަވައިފަ އެވެ.
"ރާއްޖެ އާއި ޗައިނާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމު ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގައި މަސައްކަތް ކުރާނަން." ޝާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރު ރާއްޖެއަށް ސިއްހީ އާލާތްތަކާއި ވެކްސިން ފަދަ މުހިންމު ސާމާނު ފޯރުކޮށްދިންކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވަންގް ލިޖިން ވިދާޅުވީ ޗައިނާގެ އެހީގައި ރާއްޖޭގައި މަޝްރޫއުތައް ހިންގިފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ކަމަށާއި، އަންނަ އަހަރު ދެގައުމުގެ ގުޅުމަށް 50 އަހަރު ފުރޭއިރު އެ ދުވަސް ފާހަގަކުރުމުގެ ޝަރަފު ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު