ޅ. ނައިފަރުގައި އައިސްޕްލާންޓެއް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި، އެ ރަށުގެ މަސްވެރިން އެދިފައި ނުވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހުސެއިން ރަޝީދު މިހެން ވިދާޅުވީ، ޅ.ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމުކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދެއް ނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދާތީ މި މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ އާއި، މި މަޝްރޫއުގެ މަސައްކަތް ފަށާނެ ތާރީހަކީ ކޮބައިތޯ އޮޅުން ފިލުއްވުމަށް ރައްިޔުތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، 15 ސެޕްޓެމްބަރު 2018 ގައި ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންނެވި ދަތުރުގައި މަސްވެރި އުޅަނދެެއްގައި މަސްވެރިން އެދުނު ކަންކަމުގައި ތެރޭގައި ނައިފަރުގައި އައިސްޕްލާންޓެއް ހަދައިދިނުމަށް އެދިފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގެ ރެކޯޑިން ވެސް އެބަ އޮތް ކަމަށެވެ.
އެ ބައްދަލުވުގައި މަސްވެރިކަން ފިޔަވައި އެހެން ކަންކަމަށް ވެސް އެފަރާތްތަކުން ރައީސްގެ އަރިހުގައި އެދިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ، ލުއި ގޮތެއްގައި ފެލިވަރުން އައިސް ލިބޭނެ ގޮތް ހަދައިދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ސްލިޕްވޭ އެއް ގާއިމް ކޮށްދިނުމަށާއި، އިންޖީނު ރިޕެއާ ސެންޓަރެއް ހެދުމުގެ އިތުރުން، ޑައިވް ކޮށްގެން ފާދިއްޕޮޅުން އެން ހިފުން މަނާ ކުރުމާއި، ލޭނު އަޅައިގެން މަސްބޭނުމާއި ދާ އަޅައިގެން މަސްހިފުން ރާއްޖޭގައި މަނާ ކުރުމަށްވެސް މަސްވެރިން އެދުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިންގެ އެ ހުށަހެޅުންތަކާ ގުޅިގެން، ރައީސް ސޯލިހު އެރަށަށް ވަޑައިގެންނެވި އިރު، 1060 ރުފިޔާއަށް ހުރި އައިސްޓަނެއްގެ 750 އަށް މިހާރު ފެލިވަރުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ދާ އަޅައިގެން މަސްވެރިކަން ކުރުން މަނާކޮށް ލޭނު ހިފަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފާދިއްޕޮޅުގައި ހިމެނޭ ސަރަހައްދުތަކުގެ ތެެރެއިން އެނިމޮމްތިލަ އާއި ފުށިފަރާއި، ދަނޑިފަޅު ކަނޑުއޮޅި އާއި ދަށުގިރި ފިނޮޅު ވަށައިގެންވާ ސަރަހައްދުން ޑައިވްކޮށްގެން އެން ހިފުން ގާނޫނީ ގޮތުން މަނާކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް