ސްކޫލް ކުދީންގެ ލަވަ މުބާރާތުން މަޝްހޫރު ވި ލަވަކިޔުންތެރިއާ މުހައްމަދު ޝަހުބާން މަރުވެއްޖެ އެވެ.
ޝަހުބާން މަރުވި ކަން އެނގުނީ އިއްޔެ މަޣުރިބު ނަމާދަށް ވުޟޫކުރަން ފާހާނާއަށް ވަދެ ހަބަރެއް ނުވެ ގިނަ އިރުވުމުން އާއިލާއިން ބެލުމުންނެވެ. އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ފާހާނާގެ ދޮރު އެތެރެއިން ތަޅުލާފައި ހުރުމުގެ ސަބަބުން ދޮރު ނުހުޅުވިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ޓީމުގެ އެހީތެރިކަމާއެކު އެ ދޮރު ހުޅުވައިގެން ބެލި އިރު އޭނާ ވެއްޓިފައި އޮތުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ އޭނާގެ ގާތް މީހަކު "ވަން" އަށް ބުންޏެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލުވެފައިވާ "ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގައި" ލަވަ ކިޔާފައިވަނީ ޝަހުބާނެވެ. އޭގެފަހުން ނޭޝަނަލް ސެންޓަ ފޯ ދި އާޓްސްގައި މިޔުޒިކް ގުރޫޕުގެ ކޯޗެއްގެ ގޮތުގައި އޭނާ އައީ ހަރަކާތްތެރިވަމުންނެވެ.
ޝަހުބާންގެ ރައްޓެއްސަކު އޭނާގެ ފޮޓޯއާ އެކު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މީގެ ދެތިން ދުވަސް ކުރިން ޝަހުބާނާ ދިމާވި ކަމަށެވެ. އަދި ވަރަށް ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އާދަޔާ ހިލާފު އެއްވެސް ކަމެއް އޭނާގެ ފަރާތުން ފާހަގަ ނުވާ ކަމަށެވެ. އަބަދުވެސް ހިނިތުންވެލާފައި ހުންނަ ޝަހުބާންގެ ކުއްލި ވަކިވުން ގަބޫލު ކުރަން ދަތި ކަމަށާއި ނަމަވެސް އެދެނީ އޭނާގެ ފާފަ ފުއްސަވައި ރަހުމަތް ލެއްވުން ކަމަށެވެ.
ޝަހުބާންގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އާސަހަރާގައި އޮންނާނެ އެވެ. ޝަހުބާން މަރުވި އިރު ފިރިހެން ދެ ދަރީން ދުނިޔޭގައި އެބަތިއްބެވެ.
ޝަހުބާން އަކީ ރާއްޖޭގައި އެންމެ ރީތިކޮށް ބޮޑު އަކުރުން އަރަބި ލިޔުނު އަދި ގިނަ އެވޯޑުތަކެއް ހާސިލު ކޮށްފައިވާ ތަބައް އަލިފުޅުގެ ކާފަ ދަރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު