އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ މެންބަރުން ވޯޓުލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރުން އިއްޔެގެ އިންތިހާބުގައި ވޯޓުލީ، އެމްޑީޕީގެ ރަޖިސްޓްރީގައި ނަން އޮތުމުން ކަމަށެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ބަޔަކު ވޯޓު ލުމުގެ ސަބަބުން އެމްޑީޕީގެ ވޯޓުލާން ތިބޭ މީހުންގެ އަދަދު ދެނެގަންނަން އުނދަގޫ ވާނެ ކަމަށް ވެސް އާދަމް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.
"އެގަހު ކޭލެއް، މިގަހު ކޭލެއް ނޭނގުނު، މިހެންވުމުން އެމްޑީޕީގެ އަސްލު ވޯޓާސް ޓާންއައުޓް ދެނެގަންނަން ދަތިވާނެ" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބު ބާއްވާއިރު މިހާރު އަމަލުކުރަމުން އަންނަ އުސޫލު ނޫން އެހެން ގޮތެއް ހޯދައި އެފަދަ ކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ އިންތިހާބުގައި އެމްޑީޕީން ވަކިކޮށްފައިވާ ބައެއް މެންބަރުން ވޯޓުލީ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެމްޑީޕީން ވަކިވެ އިދިކޮޅު ކޯލިޝަނާ ގުޅުނު ބައެއް މީހުން ވޯޓުލީ ކަމުގެ ތުހުމަތު ވެސް ކޮށްފައި ވެ އެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރަމްޒުވާހެން ކާޓޫނު ކުރަހައި ސޯޝަލް މީޑިއާގައި އާއްމު ކުރުމުގެ ސަބަބުން ޕާޓީން ވަކިކުރި ކަމަށް ބުނި، ޝުއައިބު އަލީ ވެސް ވަނީ އިންތިހާބުގައި ވޯޓުލައިފަ އެވެ.
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު