މާލޭ ސަރަހައްދުގެ ގޭބިސީތަކަށް، ރަޖިސްޓްރީ ނުވެ ހިލޭ ހަނޑޫ، ހަކުރު އަދި ފުށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރޯދަ މަހު ދިނުމަށް ހިލޭ ނިންމާފައިވާ ހަނޑުލާއި ފުށް އަދި ހަކުރު ހޯދުމަށް ރަޖިސްޓްރީވާން ޖެހޭތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
"ރަޖިސްޓްރީ ނުވެ، އެ ތަކެތި ގްރޭޓާ މާލޭގެ ގޭބިސީތަކަށް ވެސް ލިބޭނެ ގޮތެއް ހަމަޖައްސާނަން،" އާދަމް ޝަރީފު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ވިދާޅުވެފައިވަނީ އަންނަ ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހިލޭ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ސަރުކާރުގެ ފަރާތުން ދޭނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ މިއަހަރުގެ ރޯދަ މަހު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އިއުލާނެއް ކޮށްފައެވެ. އަދި މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ގޭބިސީތަކުގައި ދިރިއުޅޭ މީހުން މިމަހުގެ 25 ކުރިން ނަން ނޯޓު ކުރުމަށް ވެސް ހުޅުވާލިއެވެ. ނަމަވެސް ސިޓީ ކައުންސިލުން ފަހުން ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ.
ސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އާމިނަތު ޝަތުފާ "ވަން" އަށް މިއަދު ވިދާޅުވީ، އެ އިއުލާން ބާތިލުކުރީ ހިލޭ ހަނޑުލާއި ފުށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހެދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
"ޕޯޓަލް ހެދުމަށްފަހު އަލުން ރަޖިސްޓްރީވުމަށް ހުޅުވާލާނެ ހޯމަ ދުވަހު" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު