ރޭ އޭސީ މިލާނުން އިޓަލީ ލީގުގައި ކުޅުނު މެޗުގައި ޕޭޒިއާ ބަލިކޮށް، ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިލާނުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޕޭޒިއާގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ހާއްސަވެގެން ދިޔައީ ލެޖެންޑަރީ މަލްޑީނީ އާއިލާގެ ޑެނިއަލް މަލްޑީނީ ޖެހި ގޯލާއެކުގަ އެވެ. ޑެނިއަލް މަލްޑީނީ އަކީ އޭސީ މިލާންގެ ޖާޒީގައި ދަނޑު މައްޗަށް ނުކުތް ތިންވަނަ ޖީލެއްގެ މަލްޑީނީ އެވެ.
އުމުރުން 19 އަހަރުގެ ޑެނިއަލް އަކީ ޕައުލޯ މަލްޑީނީގެ ދަރިފުޅެވެ. ޕައުލޯ މަލްޑީނީ އަކީ ކުރިން އޭސީ މިލާނަށް ކުޅުނު ލެޖެންޑް، ސެސާރޭ މަލްޑީނީގެ ދަރިއެކެވެ. ސެސާރޭ މަލްޑީނީއަކީ ޑެނިއަލް މަލްޑީނީގެ ކާފައެވެ. ޑެނިއަލް މަލްޑީނީ ރޭގެ މެޗުގައި ޖެހި ގޯލަކީ އޭނާގެ ބައްޕަ ޕައުލޯ މަލްޑީނީ ސެރެއާ އޭގައި އޭސީ މިލާނަށް ޖެހި ގޯލަށް 13 އަހަރާއި 179 ދުވަސް ފަހުން ޖެހި ގޯލެކެވެ. އޭގެ ކުރިން އޭނާގެ ކާފަ ސެސާރޭ މިލާނަށް އެންމެފަހުން ޖެހި ގޯލަކީ 60 އަހަރާއި 22 ދުވަސް ކުރިން ޖެހި ގޯލެކެވެ.
ރޭގެ މެޗުގައި ޑެނިއަލް މަލްޑީނީ އޭސީ މިލާނަށް ލީޑު ނަގައިދިން ނަމަވެސް ޑެނިއޭލް ވެރްދޭގެ ގޯލާއެކު ޕޭޒިއާ އިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލާއެކު މެޗު އެއްވަރުވާން ދިޔަ ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ވަނީ މިލާނަށް ދެވަނަ ގޯލަކާއެކު އަލުން ލީޑު ނަގައިދީފަ އެވެ.
މިވަގުތު ލަލީގާ ތާވަލުގެ އެއްވަނައިގައި އޭސީ މިލާން އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް ފަސް މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު