އިންޑިއާގައި ތަމްރީނުތަކެއް ހަދަނިކޮށް މަރުވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ މަރު ތަހުގީގު ކުރުމަށް އަންގައި، އޭނާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ސުލްތާން ތަމްރީން ފުރިހަމަ ކުރަމުންދިޔަ ނެޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ބުނެފިއެވެ.

އއ. ހިމަންދޫއަށް އުފަން އުމުރުން 22 އަހަރުގެ ސުލްތާން މަރުވީ އިއްޔެ މެންދުރުފަހު އޮތް ދުވުމެއް ފުރިހަމަ ކުރަމުން ދަނިކޮށެވެ. އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެންޑީއޭ އިން ނެރުނު ބަޔާނަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސުލްތާންގެ މަރު ކަށަވަރު ކުރުމަށް އޭނާގެ ޕޯސްޓްމޯޓަމް ހަދާނެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ މަރު ތަހުގީގު ކުރުމަށް އަންގާފައިވާ އިރު، އެ ހާދިސާ ފުލުހުންނަށްވެސް ރިޕޯޓު ކޮށްފައިވާ ކަމަށް ބުންޏެވެ.

އެ އެކެޑެމީން ބުނީ، ސުލްތާން ރާއްޖެ ގެނައުމަށް ހުރިހާ ކަމެއް ހަމަޖައްސާފައިވާ ކަމަށާއި އަދި ރާއްޖެ ގެންނާނީ އެކަމާ ގުޅޭ އަސްކަރީ އިއްޒަތުގައި ކަމަށެވެ.

ސުލްތާން ސިފައިންގެ ހިދުމަތާ ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭނާ ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗް އެއް ވަނަ ދުވަހުން ފެށިގެން 2024 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1)ގައެވެ.

އޭނާއަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައި ވަނީ މި ކޯސް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.