މުނިފޫހިފިލުވުން

ބިގްބޮސް އޯޓީޓީ އަށްފަހު މި ގުޅުން ވަރުގަދަ، ޝަމީތާ ޝެޓީ އަދި ރާކޭޝް ބޮޕަޓް އެކުގައި ޑޭޓަކަށް

ބިގްބޮސް އޯޓީޓީ ނިމުމަކަށް އައިސްފައިވާއިރު ޝޯގެ ބައިވެރީންގެ ތެރެއިން ބަތަލާ ޝަމީތާ ޝެޓީ އަދި ރާކޭޝް ބޯޕަޓް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ.

ޝަމީތާ ޝެޓީގެ ދައްތަ ޝިލްޕާ ޝެޓީގެ ރެސްޓޯރަންޓަށް ޝަމީތާ އަދި ރާކޭޝް ހުކުރު ދުވަހު އެކުގައި ޑޭޓަކަށް ގޮސްފައިވާއިރު މި ދެތަރިން ވަނީ ޕަޕަރާޒީންގެ ފޮޓޯތަކަށް އަރައިފަ އެވެ.

ޝަމީތާ އަދި ރާކޭޝް ފުރަތަމަ ފަހަރަށް ބައްދަލުވެފައިވަނީ ބިގްބޮސް އޯޓީޓީ އިންނެވެ. މިދެތަރިންގެ ގާތްކަން ބެލުންތެރިންނަށް ޝޯގެ ތެރެއިން ފާހަގަ ކުރެވި، ފޭނުން ވަނީ ދެމީހުންގެ ނަން ގުޅުވައި މި ދެބައިވެރިންނަށް #ޝަރާ ގެ ނަން ދީފައެވެ. އަދި މިހާރު އެ ގުޅުން ރަސްމީކޮށް ރާކޭޝް ވަނީ #ޝަރާ ހޭޝްޓެގު ކޮށް ދެމީހުން އަތު ގުޅާލައިގެން ތިބޭ ފޮޓޯއެއް އިންސްޓަގްރާމުގައި ޕޯސްޓް ކޮށްފައެވެ.

ރާކޭޝް މީގެކުރިން ވަނީ ބަތަލާ ރިދީ ޑޯގްރާ އާ ކައިވެންޏެއް ކޮށްފަ އެވެ. އެ ގުޅުން 2019 ވަނަ އަހަރު ނިމުމަކަށް އައިސްފައިވީ ނަމަވެސް ދެމީހުންނަކީ އަދިވެސް ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ރިދީ ވަނީ ރާކޭޝް އާއި ޝަމީތާގެ ގުޅުމަށް އޭނާ އުފާކުރާކަން ހާމަކޮށްފައެވެ. މީގެ އިތުރުން ޝަމީތާގެ މަންމަ ސުނަންދާ ޝެޓީ ވަނީ ރާކޭޝް އަށް ރުހޭކަން ބިގް ބޮސްގައި މީގެކުރިން ހާމަކޮށްފައެވެ.