ޚަބަރު

ތިންއަހަރު ތެރޭ ޑްރަގް ކޯޓަށް 2236 މައްސަލަ، ފަރުވާ ފުރިހަމަ ކުރުމުން ހުކުމަށްފަހު 1539 މީހުން ދޫކޮށްލި

އިބްރާހިމް ޒަކީ

ވޭތުވެދިޔަ ތިންއަހަރު ތެރޭގައި ޑްރަގް ކޯޓަށް 2236 މައްސަލަ ހުށަހެޅި ކަމަށާއި، އޭގެ ތެރެއިން، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާ ފުރިހަމަ ކުރުމުން، ފަހުގެ ހުކުމް އިއްވައި 1539 މީހުން ދޫކޮށްލި ކަމަށް ޑްރަގް ކޯޓުން ބުނެފިއެެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓަށް ދެ ފަރާތަކަށް މައްސަލަ ހުށަހެޅެއެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލް އާއި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީ އަށެވެ.

ޑްރަގް ކޯޓުގެ އޮފިޝަލަކު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، 2018 އިން 2020 ގެ ނިޔަލަށް ޑްރަގް ކޯޓަށް ޖުމުލަ 2236 ހުށަހެޅި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކޮށް ހުށަހެޅި ހަތަރު މައްސަލަ (2018 ވަނަ އަހަރު ހުށަހެޅުނު 4 މައްސަލަ) އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި 2232 މައްސަލަ ކަމަށެވެ.

2018 އިން 2020 އަށް ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ އަންހެނުންނާއި، ފިރިހެނުން (ކުޑަކުދިން ހިމެނޭ ގޮތުން) ގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

2018 އިން 2020 އަށް ޑްރަގް ކޯޓަށް ހުށަހެޅި މައްސަލަތައް:

ޑްރަގް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެންމެ ފުރަތަމަ ބާއްވަނީ އިބްތިދާއީ އަޑުއެހުމެވެ.

އެ އަޑުއެހުމުގެ ބޭނުމަކީ ދައުވާ ލިބޭ ފަރާތް އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އެއްބަސް ވޭތޯ އާއި، ކޯޓުން ކަނޑައަޅާ ފަރުވާގައި ބައިވެރިވެ އެ ޕްރޮގްރާމު ފުރިހަމަކުރުމަށް އެއްބަސްވޭތޯ ސާފުކުރުމެވެ. ކުށުގެ ދައުވާ އުފުލާފައިވާ ފަރާތް މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ނިސްބަތް ދެނެގަތުމާއި، އެނާއަށް ދޭން ޖެހޭ ފަރުވާ ކަނޑައަޅަނީ، އިންޑިކޭޓިވް އެސެސްމަންޓުންނެވެ. އެކަންތައް ސާފުކުރުމަށްފަހު، އެކަންކަމަށް ދައުވާ އުފުލާފައިވާ ފަރާތް އެއްބަސްވާ ނަމަ، އޭނާގެ އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ އަމުރެއް ކޯޓުން ނެރެއެވެ.

ކޯޓުން ނެރޭ އަމުރުގެ ދަށުން އިންޑިކޭޓިވް އެސެސްމަންޓް ހަދަނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިންނެވެ.

އޮފިޝަލު ވިދާޅުވީ، އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އެންޑީއޭއަށް ކޯޓުން ދޭ މުއްދަތަކީ 30 ދުވަސް ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މުއްދަތުގައި، އެސެސްމެންޓް ހެދުން ލަސްވާ ނަމަ ކޯޓުން އިތުރު މުއްދަތު ދޭ ކަމަށްވެސް ވިދާޅުވިއެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށްފަހު، ދެން އޮންނާނީ މައްސަލައިގެ ފުރަތަމަ ހުކުމް ކޮށް، ރީހެބިލިޓޭޝަން އަމުރު ނެރުމަށް ބާއްވާ އަޑުއެހުމެވެ. މި އަޑުއެހުން ބޭއްވޭނީ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓު ކޯޓަށް ލިބުމުންނެވެ.

ފުރަތަމަ ހުކުމް ކޮށް، ރީހެބިލިޓޭޝަން އަމުރު ނެރުމަށް ބާއްވާ އަޑުއެހުމުގައި، ކުށުގެ ދައުވާ އުފުލާފައިވާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދައުވާ ކޯޓުން އަޑުއަހަ އެވެ. އެއަށްފަހު، އޭނާގެ މައްޗަށް އުފުލާފައިވާ ކުށަށް އިއުތިރާފުވާ ކަން ކަށަވަރުކުރުމަށްފަހު، އެ ކުށް އެނާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށް، އޭނާގެ މައްޗަށް އަދަބު ކަނޑައަޅައެވެ. އަދި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓުމަށް އަމުރު ކުރުމަށްފަހު، އެ މައްސަލައިގެ ރީހެބިލިޓޭޝަން އަމުރު ކުރެއެވެ.

އޮފިޝަލު ވިދާޅުވީ އެގޮތަށް 2018 އިން 2020 ގެ ނިޔަލަށް ކޯޓުން 2148 މައްސަލައިގައި ފުރަތަމަ ހުކުމްކޮށް ރީހެބިލިޓޭޝަން އަމުރު ކޮށްފައިވާ ކަމަށެވެ. މައްސަލައިގައި ރީހެބިލިޓޭޝަން އަމުރު ކުރުމަށްފަހު ދެން އޮންނާނީ ފަރުވާގެ ޕްރޮގްރާމު ފުރިހަމަ ކުރުމުގެ މަރުހަލާއެވެ. ފަރުވާގެ ކަންކަން އަމަލީގޮތުން ކުރިއަށް ގެންދާނީ ނޭޝަނަލް ޑްރަގް އެޖެންސީންނެވެ.

އެހެން ނަމަވެސް، ފަރުވާ ހޯދަމުން އަންނަ ފަރާތުގެ ފަރުވާ ކުރިއަށްދާ ގޮތް ބެލުމަށް "ހާލަތު ބައްދަލުވުން" ކިޔާ އަޑުއެހުމެއް ކޯޓުން ބާއްވައެވެ. ހާލަތު ބައްދަލުވުމަކީ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ހޯދަމުން އަންނަ މީހަކު، އެ އަމުރުގައިވާ ޝަރުތުތަކަށް ކިޔަމަން ވަމުން އަންނަ މިންވަރު ބެލުމަށާއި، އެ މީހާގެ ފަރުވާގެ ޕްރޮގްރާމު ކުރިއަށްދާ މިންވަރު ވަޒަން ކުރުމަށް ޓަކައި ބާއްވާ އަޑުއެހުމެކެވެ.

ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކުގެ ފަރުވާ ފުރިހަމަ ކުރި ގޮތުގެ ރިޕޯޓު ނޭޝަނަލް ޑްރަގް އެޖެންސީން ކޯޓަށް ފޮނުވުމުން، ފަހުގެ ހުކުމުގެ އަޑުއެހުން ކޯޓުން ބާއްވައެވެ.

މިގޮތުން، އެ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރު ނިމުމަކަށް ގެނެސް، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 86 ވަނަ މާއްދާގެ (ހ) ގައިވާ 4 ގޮތުންކުރެ ގޮތަކަށް ފަހުގެ ހުކުމް ކުރެއެވެ.

މިގޮތުން 2018 އިން 2020 ގެ ނިޔަލަށް 1539 މައްސަލައިގެ ފަހުގެ ހުކުމް ޑްރަގް ކޯޓުން ކޮށްފައިވާ ކަމަށް، ވަން އޮނަލައިން އަށް އޮފިޝަލް ވިދާޅުވިއެވެ.

ޑްރަގް ކޯޓުން ކުރާ ރީހެބިލިޓޭޝަން އަމުރުގައިވާ ޝަރުތުތަކާ ހިލާފު ވެގެން ފަރުވާގެ ޕްރޮގްރާމު ހުއްޓާލުމަށް ކޯޓުން އަމުރުކޮށްފި ނަމަ، އެ މައްސަލައިގައި ކޯޓުން ކޮށްފައިވާ ފުރަތަމަ ހުކުމް ތަންފީޒު ކުރަން އެ މީހަކަށް ޖެހޭނެއެވެ. އެއީ އަސްލު އޭނާ ކުރި ކުށަށް ކުރާ ހުކުމެވެ.