ގައުމު ތަރައްގީވެ ތަހުޒީބީ މުޖުތަމައެއް ބިނާވެގެންދާތަން ދެކެން ބޭނުންވާނަމަ މީހުން ބިނާކުރަން ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށް ވިލާގެ ފައުންޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވިޔަފާރިތަކާއި ސަރުކާރުގެ މުއައްސަސާތަށް ކުރިއަރަނީ އިލްމީ ގާބިލު މީހުން ތިބެގެން ކަމަށާއި އުފާވެރި އާއިލާއެއް ހޯދޭނީވެސް އިލްމީ ގާބިލު މީހަކަށް ވެގެން ކަމަށެވެ.
އެގޮތުން ސަރުކާރުން އިލްމުވެރި ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާތީ އުފާވާ ކަމަށާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނާތީ ހިތްހަމަޖެހުން ލިބޭ ކަމަށް ވިދާޅުވިއެވެ.
"މީހުން ބިނާކުރުމަށް ޝައުގުވެރިވަޑައިގެން ގިނަ ބޭފުޅުން އިންވެސްޓު ކޮށްދިނުމަށް އިހުތިރާމާއެކު މި ފުރުސަތުގައި ވެސް އަޅުގަނޑު އިލްތިމާސްކުރަން،" ގާސިމް ވިދާޅުވި އެވެ.
ދިވެހިން އާ އީޖާދުތައް ފަށާ އަޑުއަހަން އިންތިހާއަށް ބޭނުންވާކަން ފާހަގަކުރައްވައި ގާސިމު ވިދާޅުވީ ވިލާ ކޮލެޖުން ބައިނަލްއަގުވާމީ ދިރާސާތަކުގައި ބައިވެރިވާ ކަމަށާއި އަދި އދ. އަށްވެސް ދިރާސާތައް ކޮށްދޭ ކަމަށެވެ. އަދި ވިލާ ކޮލެޖަށް ބައިނަލްއަގުވާމީ އިލްމީ ގާނޫނެއް ޑުރާފްޓު ކުރުމުގެ ފުރުސަތުވެސް ލިބިގެންދިޔަކަން ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު