ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ޕާކިސްތާނުގައި މަސައްކަތް ކުރާ ޗައިނާ ރައްޔިތުންގެ އަދަދު ފަސް މިލިއަނަށް އިތުރުވާނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ ހެލްތު ސާވިސް އެކެޑަމީގެ ވައިސް ޗާންސެލަރު ޕްރޮފެސަރު ޑރ. ޝަހްޒާދު އަލީ ހާން ވިދާޅުވީ, ޗައިނާގެ މަސައްކަތްތެރިންގެ އަދަދު އިތުރުވާނަމަ, ޗައިނާ ޕާކިސްތާން ހެލްތު ކޮރިޑޯގެ ދަށުން ދެގައުމުގެ މެޑިކަލް ޔުނިވާސިޓީތަކާއި ރިސާޗް އިންސްޓިޓިއުޓް އަދި ބަޔޯޓެކްނޮލޮޖިކަލް ފާމްތަކާއެކު އޮންނަ ގުޅުން ބަދަހިވާންޖެހޭ ކަމަށެވެ.
"ޗައިނާގެ އެތައް މިލިއަން ރައްޔިތުންނެއް ބޭނުންކުރާ އެގައުމުގެ ސަގާފީ ބޭސްވެރިކަން ހިމެނޭހެން, ޕާކިސްތާނުގެ ތަޖުރިބާކާރުން ޒަމާނީ ސިއްހީ ޓެކްނޮލޮޖީތަކަށް ތަމްރީނު ކުރުމަކީ އަމާޒެއް،" ޑރ. ޝަހްޒާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, އެކަމުގެ ސަބަބުން ޕާކިސްތާނުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންގެ އިތުރުން ޕާކިސްތާނުގެ ރައްޔިތުންނަށްވެސް ޒަމާނީ ބޭސްވެރިކަން ނޫން ގޮތެއް އިހުތިޔާރު ކުރެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ ސިއްހީ ތަޖުރިބާކާރަކު މިހެން ވިދާޅުވެފައިވާ އިރު, ޕާކިސްތާނަށް އަތްގަދަ ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތް ދަނީ އިތުރުވަމުންނެވެ. އެއާ ދެކޮޅަށް ޕާކިސްތާނުގެ ބަލޮޗިސްތާން ލިބަރޭޝަން އާމީން ގެންދަނީ ޗައިނާގެ އިންޑަސްޓްރީތަކަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންނެވެ.
އޭގެ އިތުރުން ޕާކިސްތާނުގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތައްވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ޗައިނާގެ ސަފީރު ހުންނެވި ލަގްޒަރީ ހޮޓަލެއްގެ ބޭރުގައި ކާރެއްގައި ބޮމެއް ހަރުކޮށްގެން ވަނީ ގޮއްވާލައިފައެވެ.