ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން 265 ފްލެޓު ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން އަދި ފޮނުވާފައި ނުވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓުތަކުގެ އަގު 5،600 އަށް ކުޑަކޮށް ދިނުމަށާއި، ގްރޭސް ޕީރިއަޑެއް އަހަރަށް ދަމާލުގެ އިތުރުން ފްލެޓުގެ މުޅި އަގުން އެއްލައްކަ ރުފިޔާ ކަނޑައަޅައިދިނުމަށް އެދި ފްލެޓު ލިބުނު ފަރާތްތައް އެކުވެގެން އުފައްދާފައިވާ ހިޔާ ޔޫނިއަނުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ކަންކަން އޮޅުންފިލުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުހެއިލް ވިދާޅުވީ، ފްލެޓުތައް ހަވާލު ކުރަނީ ހައުސިން މިނިސްޓްރީން ފޮނުވާ ލިސްޓުތަކަށް ކަމަށެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ 6720 ފްލެޓުގެ ތެެރެއިން 265 ފްލެޓުގެ ލިސްޓު މިނިސްޓްރީން އަދި ފޮނުވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ފޮނުވި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 98 ޕަސެންޓް މީހުންނާއެކު ސޮއިކޮށް އެފަރާތްތަކަށް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 6060 ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިނަރެސް ޕްރޮޖެކްޓަށް ބަދަލުވާން 220 ފަރާތަކުން އެދިފައިވާ ކަމަށާއި ހައުސިން މިނިސްޓްރީން އިތުރަށް މައުލޫމާތު ސާފު ކުރާތީ 45 ފަރާތަކަށް ފަލެޓު ހަވާލު ކުރުން މަޑުޖައްސާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފަލެޓުތައް ހަވާލުކޮށްފައި ވަނީ ލިބެންޖެހޭ ފަރާތްތަކަށްތޯ، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސުހެއިލް ވިދާޅުވީ، ފްލެޓުތައް ހަވާލުކުރާ ފަރާތްތައް ކަނޑައަޅަނީ އެޗްޑީސީން ނޫން ކަމަށެވެ.

"ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށް ފްލެޓު ހަވާލު ކުރަނީ. އެޗްޑީސީއަކުން ނޫން ނިންމަނީ ފްލެޓު ލިބޭ ފަރާތްތައް. އަޅުގަނޑުމެންނާ ހަމައަށް ލިސްޓު އައީމަ އެޗްޑީސީން ފްލެޓު ހަވާލު ކުރަނީ. އެހެންވީމާ ހަވާލު ކުރެވިފައި ހުރީ އެންމެ ރަނގަޅު ފަރާތްތަކާ ކަމެއް، އެއީ އަޅުގަނޑުމެންނަކަށް ދަންނަވާކަށް ނޭނގޭ،" ސުހެއިލް ވިދާޅުވިއެވެ.