ސ. ހުޅުދޫ ބަނދަރު ތަރައްގި ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ހަތަރުވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފި އެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓު ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ހަތަރު ވަނަ ޝިޕްމަންޓު އެރަށަށް ގެންގޮސްފައިވާއިރު އެ މަސައްކަތުގެ 56 ޕަސެންޓް މިހާރު ވަނީ ނިންމާލައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު އެކެއްގަ އެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި 2،250 ސްކޮއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
375 ދުވަސް ތެރޭ ނިންމުމަށް ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 66.3 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު