އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އާދެވުނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަމުން ކަމަށް އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނަކީ ކުޑަ ގައުމަކަށް ނިސްބަތްވާ ކުޑަ ބޭފުޅެއް ކަމަށެވެ. ނަމަވެސް މިއަދު އެމަނިކުފާނު ހުންނެވީ ދުނިޔޭގެ ބޮޑެތި ގައުމުތަކާއެކުގައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް މި މަގާމަށް މި އާދެވުނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ކަމުން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ހާއްސަ އިސްކަމެއްދެއްވާނީ ދުނިޔޭގެ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ދުނިޔޭގެ ހަމަޖެހުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އދ. ވުޖޫދަށް ގެންނަން ޖެހުނު މަގުސަދު ހަނދާންކޮށްދެމުން ޝާހިދު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއް ގުޅިގެން ދުނިޔޭގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަހެރިވެ، ވަކިވެގަތުމަކީ އެއްވެސް ކަމަކަށް އޮތް ހައްލެއް ނޫން ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ސައިންސާއި ޓެކްނޮލޮޖީއާއި ބޭސްވެރިކަމުގެ ރޮނގުން ދުނިޔެ ކުރިއަރާފައިވާ ކަމަށާއި ދުނިޔެއަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ ގާބިލުކަން ދުނިޔޭގެ ގައުމުތަކުގައި އެބަހުރި ކަމަށެވެ. ނަމަވެސް އެކަންތައް ނުވެގެން އުޅެނީ ސިޔާސީ ނުފޫޒާއި އެކަންކަމަށް ފަންޑު ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.