އޮސްޓްރޭލިއާގެ މެލްބަންގައި މުވައްޒަފުންތަކެއް ވެކްސިން ޖެހުމާ ދެކޮޅު ހަދައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ކޮންސްޓްރަކްޝަން ސައިޓުތަކެއް ބަންދުކުރަން ޖެހިއްޖެ އެވެ.

ވިކްޓޯރިއާ ސަރުކާރުން ވަނީ ސިނާއީ މަސައްކަތްތެރީން މަދުވެގެން އެއް ޑޯޒު ވެކްސިން ހުކުރު ދުވަހުގެ ނިޔަލަށް ފުރިހަމަ ކުރުމަށް އަންގާފައެވެ. މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ބަޔަކު މުޒާހަރާ ކޮށް ހަމަނުޖެހުން ހިންގިއިރު ވިކްޓޯރިއާ ސިޓީ އަދި ސައުތުވޭލްސް ސިޓީގައި ކޮވިޑް-19ގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހަމަނުޖެހުން ތަކުގެ ސަބަބުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ މެލްބަންގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތައް ދެ ހަފުތާގެ މުއްދަތަށް ބަންދުކުރުމުގެ އަމުރެއް ނެރެފައެވެ. މުޒާހަރާގެ ބައިވެރީން ވަނީ ޔޫނިއަން އޮފިޝަލުންނާއި ފުލުހުންނާ ދިމާލަށް ފުޅި ފަދަ ތަކެތި އުކައި ގެއްލުން ދީފައެވެ. އަދި މި ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ވިކްޓޯރިއާ ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ސްޓޭޓް އިންޑަސްޓްރިއަލް ރިލޭޝަންސް މިނިސްޓަރު، ޓިމް ޕެލަސް ވަނީ ބަޔާނެއްވެސް ނެރުއްވައިފައެވެ. އޭނާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ސައިޓުތަކުގަ އާއި މަގުތައް މަތީ ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކޮންސްޓްރަކްޝަން ސައިޓުތައް ދެ ހަފުތާއަށް ބަންދުކުރަން ނިންމާފައި އެވަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ކަމަށެވެ.

ކޮންސްޓްރަކްޝަން ސައިޓުތައް ބަންދުކުރަން ނިންމި ނިންމުމުގެ ސަބަބުން އޮސްޓްރޭލިއާގެ އިގުތިސޯދަށް އެކަމުން އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގައުމުގެ އިގުތިސޯދު ދިރާސާކުރާ މާހިރުން ވަނީ ލޮކްޑައުންގެ ސަބަބުން އެގައުމުގެ 1.4 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދު ދެވަނަ ރިސެޝަން އަކަށް ގޮސްދާނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.