ޚަބަރު

ޖޭޕީގެ ރައީސްކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެއްޖެ

އަލީ ޔާމިން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދެން އޮންނަ ގައުމީ ކޮންޕަރެންސްގައި އެ ޕާޓީގެ ރަައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ޖޭޕީގެ ނައިބު ރައީސްކަން ކުރެއްވި މައުސޫމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓު މިނިސްޓަރު ކުރެއްވީ ޖޭޕީގެ މިހާރުގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަމުން ގެންދަވަނިކޮށެވެ.

"ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިހާބު ބާއްވާއިރު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން،" މައުސޫމްގެ ޓުވީޓުގައި ވިދާޅުވިއެވެ.

ޖިންސީ ކުށުގެ ތުހުމަތުތަކެއްކޮށް، މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކުރުމާ ގުޅިގެން ޖޭޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، އަލީ ވަހީދަށް އެންގެވުމުންވެސް އިސްތިއުފާ ދެއްވާފައިނުވާތީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މީގެ ކުރިން އޮތީ ކައުންސިލަށް ހުށަހަޅައިފައެވެ. ނަމަވެސް އެކަމަށް އަހަރެއް ވެގެން ދިޔައިރުވެސް ގޮތެއް ނުނިންމައެވެ.

އެ މައްސަލައިގައި ގޮތެއް ނުނިމުމުން ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމުގެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު، އިނގިރޭސިވިލާތުގައި ހުންނަވައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޖޭޕީގެ ރައީސް ކަމުގައި އޭނާ ހުންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.

ޖޭޕީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ހިއްސާދާރެވެ. ނަމަވެސް އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި އަލީ ވަހީދު މިރޭ ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތުތަކެއް ކުރައްވައި، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.