އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރި ކަޅު ދަބަހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފުއްލެވި ކަމަށާއި އޭގެ ވީޑިއޯތައް ފުލުސް އޮފީހުގައި ހުންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތުކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ޖަލުން މިނިވަންވުމާ އެކު މިރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ، އެމްޑީޕީގެ އިސް ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ރެހެންދި ފްލެޓަށް ވަޑައިގެން ގެންދެވި ކަމަށެވެ. ނަމަވެސް އެބޭފުޅާގެ ނަން ހާމަ ކުރައްވަން ބޭނުން ނުވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ނޫސްވެރިން ވަނީ އެ ފައިސާ ގެންދެވީ ރައީސް ސޯލިހުތޯ ސުވާލުކޮށްފައެވެ. އެއަށް ޖަވާބުދެއްވަމުން އަލީ ވިދާޅުވީ ރައީސް ސޯލިހުވެސް ކަޅު ދަބަހެއް އުފުއްލެއްވި ކަމަށާއި އެ ފައިސާ ގެންދެވީ ރައީސް ސޯލިހު ކަމަށެވެ.
"އެމްޑީޕީ ހިންގަންތޯ ނުވަތަ ނޫންތޯ އިނގޭނީ އެ ގެންދެވި ބޭފުޅަކަށް. އަޅުގަނޑަށް ހަމަ ދަންނަވަން ކެރިދާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހުރީ ކަޅު ދަބަސް އުފުލާފައި. ވަރަށް ސާފުކޮށް މި ދަންނަވަނީ. އާދެ އެބޭފުޅާ (ރައީސް) ގެންދިޔަ ކަޅު ދަބަހެއް،" އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ރައީސް އެ ފައިސާ ދަބަސް ގެންދަވާ ވީޑިއޯ ފުލުސް އޮފީހުގައި ހުންނާނެ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރެއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، އިސްކޮށް ހުންނަވައި އެމްއެމްޕީއާރްސީ މައްސަލައިގައި ހެކިބަސްދިން ބައެއް ހެކީންގެ ބަޔާންތަކުން ރައީސް ސޯލިހުގެ ނަންފުޅު އުނިކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެބޭފުޅާ (ރައީސް) ކަޅު ދަބަސް ގެންދިޔަ ވީޑިއޯ ހުންނާނެ ޕޮލިހުގައިވެސް. މުހައްމަދު ރިޔާޒް އިސްކޮށް ހުރެގެން ބައެއް ބޭފުޅުންގެ ބަޔާނުން ހުރީ އެބޭފުޅާގެ ނަންވެސް އުނިކޮށްފައި. އަޅުގަނޑަކަށް ނޭންގެ ރައީސް ގެންގޮސް އޭގެން ކުރީ ކޮންކަމެއް ކަމެއް. އަޅުގަނޑަށް އެނގޭ އެއްޗަކީ ރައީސް ސޯލިހު ކަޅު ދަބަސް އުފުލާފައިވަނީ،" އަލީ ވިދާޅުވީއެވެ.
އަލީ އިތުރަށް ވިދާޅުވީ ރައީސް ސޯލިހު 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެންގެވި ކަމަށެވެ. 35 މިލިއަން ރުފިޔާ ނެންގެވީ އެއް ފަހަރަކު ކަމަށާއި އޭގެ ފަހުންވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެމަނިކުފާނު ނަންގަވާފައިވާ ކަމަށްވެސް އަލީ ވިދާޅުވިއެވެ.
"އެއަށްވުރެވެސް (35 މިލިއަން ރުފިޔާ) ގިނައިން ހުންނާނެ ނަގާފައި، އެއީ އެއް ހާދިސާ. އެމްޑީޕީގެ ވަކި ވަކި މީހުންވެސް ހުންނާނެ ނަގާފައި. އެމްއެމްޕީއާރްސީގައި ދޫކުރި އެއްވެސް ރަށެއް މި ސަރުކާރުން އަތެއް ނުލާނެ." އަލީ ވަހީދު ވިދާޅުވިއެވެ.
މި ސަރުކާރުން އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ނުކުރާނެ ކަމަށާއި އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ އިސްވެރިންނަށްވެސް ލިބިފައިވާތީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު