ހުޅުމާލޭގައި ރަށްވެހި ދަނޑުވެރިކަން ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ރަށްވެހި ދަނޑުވެރިކަން (އާބަން ފާމިން)ގެ މަސައްކަތްތައް ކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ މަޝްރޫއު އިފްތިތާހުކޮށް ރަށްވެހި ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މީހުންނަށް ބިން ހަވާލުކޮށްފައެެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެ މަޝްރޫއާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހުޅުވައިދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މި ހަފުލާގައި މިނިސްޓަރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫއެންޑީޕީގެ ރެސިޑަންޓް ރިޕްރެސެންޓޭޓިވް ޓު ދަ މޯލްޑިވެސް ވޭރާ ހާކިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ތިން ކެޓަގަރީއަކުން (އަންހެނުންނަށް ހާއްސަ ކެޓަގަރީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓެގަރީ، އެހެނިހެން ކެޓެގަރީ) އިން ތިން ދަނޑުވެރިން ހިމެނޭހެން 16 ގުރޫޕެއް ވަނީ ހޮވައިފައެވެ.
ހުޅުމާލެ ނެއިބަހުޑް ތިނަކުން ޖުމުލަ 19.877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މި ފުރުސަތަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި މި ކޯޕަރޭޝަނާ ގުޅިގެން ހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއެކެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި މަޝްރޫއު ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވައި ދަނޑުވެރިކަމަށް އަހުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުން ކަމަށެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތައް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޮވިޑް 19ގެ ސަބަބުން މާލީގޮތުން އެއްމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ވެސް މި މަޝްރޫއުގެ މަގުސަދެކެވެ.
އާބަން ފާމިންގެ ގޮތުގައި ހުޅުމާލެއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއާއި، ބީސީސީ އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމެއް ހިންގައިފައެވެ.
މި މަޝްރޫއަކީ އެޗްޑީސީ އާއި ޔޫއެންޑީޕީ ގުޅިގެން ހިންގި މިފަދަ ފުރަތަމަ މަޝްރޫއެވެ.