ސުޕްރީމް ކޯޓް

މާވަރުލު އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

އިބްރާހިމް ޒަކީ

ގދ. މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށް މޫވިން އިންޓަނޭޝަނަލްއާއެކު ވި، އެއްބަސްވުން 2016 ވަނަ އަހަރު ދައުލަތުން ބާތިލު ކުރީ ރަގަޅަށް ކަަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ގދ. މާހެރާގައި ރިސޯޓެއް ތަރައްގީކުރުމަށް ދޫކޮށް، ބަދަލުގައި މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މޫވިން އިންޓަނޭޝަނަލްއާ އެކު ދައުލަތުން ސޮއިކުރީ 10 ޖުލައި 2011 ގައެވެ. އެއީ 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ތަރައްގީ ކޮށް ނިންމުމަށެވެ. ނަމަވެސް އެ މުއްދަތުގައި މާވަރުލުގައި އެއާޕޯޓް ތަރައްގީ ކޮށް ނިމިފައި ނުވާތީ، މޫވިން އިންޓަނޭޝަނަލްއާއެކު ވި އެއްބަސްވުން 11 ފެބުރުއަރީ 2016 ގައި ދައުލަތުން ބާތިލު ކުރި އެވެ.

އެކަމާ ގުޅިގެން އެ އެއްބަސްވުން ދައުލަތުން ބާތިލު ކޮށްފައި ވަނީ، އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެގްރިމެންޓް ބާތިލުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު މޫވިން އިންޓަނޭޝަނަލްއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުން އެދި އެކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމް ކުރީ، އެކަމާބެހޭ ލީސް އެގްރީމެންޓް ދައުލަތުން ބާތިލު ކުރީ، އިޖުރާއަތާ އެއްގޮތަށްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ އެގްރިމެންޓް ބާތިލުކުރުމުގެ ސަބަބުން މޫވިން އިންޓަނޭޝަނަލް އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ހުކުމް މޫވިން އިންޓަނޭޝަނަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ނިންމީ، ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށް އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދިޔަ، އިސްތިއުނާފީ އަޑުއެހުންތައް ނިންމައި މިއަދު ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު ހައިކޯޓުގެ ނިންމުމަށް ސުޕްރީމްކޯޓުން ތާއީދު ކުރާ ކަމަށެވެ.

މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް މޫވިން އިންޓަނޭޝަނަލްއާއެކު ވި، އެއްބަސްވުން ބާތިލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މާވަރުލު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެވެ. އަދި އެ ކުންފުނިން އެ މަސައްކަތް ނިންމައި، ހުސްވި 2020 ވަނަ އަހަރުގެ މާޗް މަހު ވަނީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފަ އެވެ.