ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތަކާއި ގުޅިގެން ސަރުކާރުން އެދެވޭ ޖަވާބެއް ނުދޭ ކަމަށް ބުނެ ސަރުކާރުގެ ބައެއް އިދާރާތަކުގެ މަސައްކަތް ހުއްޓާލައިފި އެވެ.
ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި އިއްޔެ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އިހުތިޖާޖުކޮށްފަ އެވެ.
ސިވިލް ސާވަންޓު އެސޯސިއޭޝަނުން ބުނީ މިއަދު އަތޮޅުތަކުގެ ގިނަ އިދާރާތަކެއްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ ކުރިންވެސް ނިންމާފައި އޮތީ އިހުތިޖާޖަށް ފަހުވެސް ސަރުކާރުން އެދެވޭ ޖަވާބެއް ނުދޭ ނަމަ މަސައްކަތަށް ނިކުތުން ހުއްޓާލަން ކަމަށެވެ.
އެގޮތުން މިއަދު މަސައްކަތް ހުއްޓާލާފައިވާ އިދާރާތަކުގެ ތެރޭގައި، ލ. މާބައިދޫ ކައުންސިލް އިދާރާ އާއި، ކ. ހިންމަފުއްޓާއި، ތުލުސްދޫ އާއި ހުރާގެ އިތުރުން ގުރައިދޫގެ ކައުންސިލް އިދާރާ އެވެ. މީގެ އިތުރުން ބައެއް ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުން ވެސް މިއަދު މަސައްކަތް ހުއްޓާލާފައިވާ ކަމަށް މައިލޫމާތު ލިބިފައިވެ އެވެ.
ސިވިލް ސާވަންޓު އެސޯސިއޭޝަނުން ބުނީ މިކަމަށް ވަރަށް ގިނަ ރަށްރަށުގެ ކައުންސިލަރުންގެ އެއްބާރުލުން ލިބޭ ކަމަށެވެ. އެހެން ނަމަވެސް ހައްގު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ސިވިލް ސާވަންޓުން ޑިމާންޑް ކުރާ ކަންކަމުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމާއި، ސިޔާސީ މުވައްޒަފުން ފަދައިން އެމީހުންނަށްވެސް ލިވިން އެލެވެންސް ދިނުން ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު