އިސްލާމީ ތާރީޚު

ޞިއްޙީ ފަރުވާދޭ ވިލިތައް އުފައްދައި ބަލިމީހުންނަށް ހޭހަންކުރާން ފެށީ މުސްލިމުންނެވެ - 3

އަބްދުﷲ ފާރޫގް ހަސަން

(17 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

"އެކަލޭގެފާނު رُفَـيــدة ގެ ފޭލިގެކޮޅަށް (ކްލިނިކް) ގެންދާށެވެ. އަހުރެންނަށް އެކަލޭގެފާނުގެ ހާލުކޮޅު ޚާއްޞަ ގޮތެއްގައި ބަލަން ފަސޭހަވާނީ އޭރުންނެވެ." (ސީރަތު އިބްނު ހިޝާމު: 3/58)

މި ލިޔުއްވުމުން އެނގޭގޮތުގައި ޒަޚަމީންނަށް ފަރުވާ ދެއްވުމަށާއި، ޢާއްމު ބަލިތަކަށް ފަރުވާ ދެއްވަން المسجدالـنّـبــوى އާ އިންވެގެން ވަނީ ފޭލިގެއެއް (ކްލިނިކެއް) ޤާއިމު ކުރައްވައިފައެވެ. سـعـد بــن معــاذ رضى اللّـه عنــه އެނދުމަތިކުރެވުނީ އެފޭލިގެކޮޅުގައެވެ. މިއީ، ކްލިނިކުގައި އެނދުމަތިކޮށްގެން ފަރުވާދޭން ފެށުމެވެ. އެ ކްލިނިކުގެ ޒިންމާދާރު ވެރިޔަކީ السّـيّدة رُفَـيــدة أسلميّــة رضى اللّـه عنـهــا އެވެ. އެކަމަނާއާ ބެހޭގޮތުން ސީރަތު ޢިލްމުގެ އެދުރުން ވިދާޅުވެފައިވާ ގޮތުގައި އެކަމަނާއަކީ ކަނޑިފާރުބޭހުގެ ވަރަށް ކުޅަދާނަފުޅު މާހިރާއެކެވެ. އެކަމަނާ ބަލިމީހުންނަށް ބޭސްފަރުވާ ކޮށްދެއްވީ ހިލޭސާބަހަށެވެ.

އެކަމަނާއާ ބެހޭގޮތުން ޞަރީޙަ ޢިބާރާތުން ސީރަތުގައި ބަޔާންކުރެވިފައިވެއެވެ.

"އެކަމަނާއަކީ ކަނޑިފާރު ބޭސްވެރިޔެކެވެ. އެކަމަނާ ޒަޚަމީންނަށް ފަރުވާދެއްވައި އުޅުއްވީ މުސްލިމުންގެ ވޭންތައް ލުއިކޮށްދެއްވައި ހޭހަންކޮށްދެއްވުމުގެ ގޮތުންނެވެ. އެއްވެސް އަގަކާ ނުލައެވެ. ހަމައެކަނި اللّـه ގެ ޙަޟްރަތުން ދަރުމައާއި ޘަވާބު އެދިވަޑައިގެންނެވެ." (ސީރަތު އިބްނު ހިޝާމް: 3/258، އަލްއިޞާބާ: 4/2505، އުސުދުލްޣާބާ: 7/10)

މިފަދަ އަނެއް ބޭކަނބަލަކީ السّـيّدة كـُـعَيـبـة أسلميّـة رضى اللّـه عنـهــا އެވެ. އެކަމަނާއާ ބެހޭގޮތުން މުއައްރިޚުން ލިޔުއްވައިފައިވެއެވެ.

"އެކަމަނާ ފަރުވާކުރައްވައި އުޅުއްވީ ހަމައެކަނި ޒަޚަމީންނަކަށެއް ނޫނެވެ. ޢާއްމު ޙާލަތުގައި އެކަމަނާ ޢާއްމު ބަލިތަކަށްވެސް ބޭސްކުރައްވައި އުޅުއްވިއެވެ." (އަލްމަރްއަތުލް ޢަރަބިއްޔާ ފީ ޖާހިލިއްޔަތިހާ ވަ އިސްލާމިހާ ޢަބްދުﷲ އަލްޢަފީފީ: 2/39 ގެ ޙާޝިޔާ)

1. ޞިއްޙީ މަޢުލޫމާތު ހޯއްދެވުމާއި ފެތުރުއްވުން

އެދުވަސްވަރު ޢަރަބި އަންހެނުންގެ ވަރަށްގިނަ ބަޔަކަށް ބޭސްވެރިކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެ މަޢުލޫމާތުގެ އަލީގައި އެކިވަރުގެ އެކިކަހަލަ ބަލިބައްޔަށް އެމީހުން ފަރުވާކުރަމުން ގެންދިޔައެވެ. އެ މަޢުލޫމާތުގެ ފެންވަރަކީ ރާއްޖޭގައި ޑޮކްޓަރީ ބޭސްވެރިކަން ފެށުމުގެ ކުރީން ޢާއްމުކޮށް ބަލިމީހުންނަށް ބޭސްކުރައްވައި އުޅުއްވި ދިވެހި ބޭސްވެރިންގެ ފެންވަރު ކަމުގައި ދެންނެވިދާނެއެވެ. އެދުވަސްވަރު މުޅި ދުނިޔޭގައިވެސް ބޭސްވެރިކަން އޮތީ އެފަންނުގެ ފިރުކުމުގެ މަރުޙަލާގައެވެ. އެހެންކަމުން އެދުވަސްވަރަށް އެ މަޢުލޫމާތުތަކަކީވެސް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ކަމުގައި ދަންނަވާން ޖެހެއެވެ.

أمّ المـؤمـنــيـن السّـيّدة عـائـشــة صـدّيـقــة رضى اللّـه عنـهــا އަކީ ތަފާތު އެތަކެއް ޢިލްމުތަކެއްގެ އެދުރުބޭކަނބަލެކެވެ. އެ ޢިލްމުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާއި، ވާރުތަ މުދަލުގެ ޙުކުމްތަކާއި، ޙަރާމް ޙަލާލް (ނުވަތަ ފިޤުހާއި) ޅެންވެރިކަމާއި، ޢަރަބީންގެ ތާރީޚާއި، ނަސަބުގެ ޢިލްމާއި، ބޭސްވެރިކަންފަދަ އެތައް ޢިލްމުތަކެއް ހިމެނެއެވެ.

أمّ المـؤمـنــيـن އަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ عُــرُوة بــن الّــزبـيــر رحـمــه اللّـه އެއްދުވަހަކު އެކަމަނާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ! "ލޯބިވާ މަންމާފުޅާއެވެ! ކަމަނާގެ ހިތްޕުޅު އަލިކަމާއި، ވިސްނުންފުޅު ތޫނުކަމާމެދު އަޅުގަނޑު އަޖައިބެއް ނުވަމެވެ. މަންމާފުޅަކީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙުރުމަތްތެރި އަނބިކަނބަލުންނެވެ. أبــوبكر ގެފާނުގެ ލޮބުވެތި ދަރިކަނބަލުންނެވެ. މިހުރިހާ ޢިލްމުތަކެއްގެ އެންމެ ކުޅަދާނަފުޅު އެއް މާހިރަކީ أبــوبكر ގެފާނެވެ. އަޅުގަނޑު ހައިރާންވަނީ ބޭސްވެރިކަމުގެ މަޢުލޫމާތު މަންމަޔަށް ލިބިވަޑައިގެންފައިވާ ތަނަވަސްކަމާ މެދުގައެވެ. މަންމާފުޅު ބޭސްވެރިކަން ދަސްފުޅުކުރެއްވީ ކިހިނަކުންތޯއެވެ؟"

أمّ المـؤمـنــيـن السّـيّدة عـائـشــة صـدّيـقــة رضى اللّـه عنـهــا ޢުރުވަތުގެ ކޮނޑުފުޅުގައި އަތްޕުޅުން ޖައްސަވައިލައްވައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނުގެ އަރިހަށް އަންނަ ވަފުދުތަކާ ދައްކަވާ ވާހަކަފުޅު މަންމަ ވަރަށް ސަމާލުކަންދީގެން ކަނުލައި އަޑުއަހަމެވެ. އެވަފުދުތަކުގެ މެމްބަރުން ބޭސްވެރިކަމާ ބެހޭގޮތުން ދެއްވާ މަޢުލޫމާތުތައް މަންމަގެ ހިތުގައި ޚަޒާނާކޮށް ރައްކާކުރަމެވެ. (މަސްނަދު އަޙްމަދު: 6/67)

أمّ المـؤمـنــيـن السّـيّدة أمّ سَلَمَة رضى اللّـه عنـهــا އަކީ ޙަބަޝާގެ މުހާޖިރާއެކެވެ. އެކަމަނާ ޙަބަޝާގައި އިންނެވިއިރު ތަފާތު ފަންނުތަކުން ތަޖުރިބާއާއި މަޢުލޫމާތު ހޯއްދެވިއެވެ. އޭގެތެރޭގައި ބޭސްވެރިކަންވެސް ހިމެނެއެވެ. އެކަމަނާ އެ މަޢުލޫމާތުގެ ބޭނުން ހިއްޕެވިއެވެ. މީހުންނަށް އެކިބަލިބަލީގެ ބޭސްތައް ވިދާޅުވެދެއްވައި އެހީތެރިވެވަޑައިގެންދެއްވިއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ސުވަރުގެ ވަޑައިގެންނެވުމުގެ އާލާސްކަންފުޅުގައި އުޅުއްވިއިރު އެކަމަނާ އިތުރު ސާހިބާއަށް ބޭސްކޮޅު ހައްދަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. (ޒާދުލުމަޢާދު: 4)

السّـيّدة شـفّــاء بـنـت عـبـداللّـه رضى اللّـه عنـهــا އަކީވެސް މީހުންނަށް ތަފާތު ބަލިބަލީގެ ފަރުވާތައް އުނގަންނައިދެއްވި ބޭކަނބަލެކެވެ. އޭގެތެރޭގައި ނަމްލާއަށް (ހަމުގެ ބައްޔެއް) ފަންޑިތަ ހެއްދެވުންވެސް ހިމެނެއެވެ. އެކަމަނާއަކީ السّـيّدة حـفصـة بـنـت عـمــر رضى اللّـه عنـهــا ގެ ތިމާގެފުޅު ދައިތާފުޅެކެވެ. السّـيّدة حـفصـة އަށް ލިޔުއްވަން ކިޔުއްވަން ދަސްކޮށްދެއްވީ އެކަމަނާއެވެ. އެކަމަނާ އެއްދުވަހަކު حـفصـة ގެ އަރިހަށް ވަޑައިގެންނެވުމުން ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަމަނާއަށް ޙަދީޘު ކުރެއްވިއެވެ.

"ކަމަނާ حـفصـة އަށް ލިޔުއްވަން ދަސްކޮށްދެއްވި ފަދައިން ނަމްލާގެ ފަންޑިތަ (ރުޤްޔާ) ވެސް ދަސްކޮށްދެއްވާށެވެ." (އަބޫދާއޫދު، ކިތާބުއްޠިއްބި ބާބުއްރުޤިއްޔި: 3887)

ވާހަކަތަކުގެ ޚުލާޞާއެއްގެ ގޮތުން ދަންނަވައިލަމެވެ.

1. ނަރުހުންގެ ޚިދުމަތާއި ހަނގުރާމައިގެ މައިދާނުގައި ހޭހަނީންގެ އަވަސް ފަރުވާ (ފަސްޓް އެއިޑް) ގެ ޚިދުމަތަށް ވިލިތަކެއް އުފައްދައި އެ ޚިދުމަތް ދޭންފެށީ މުސްލިމުންނެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަޔާތްޕުޅުގައި އެމާތް ސާހިބާގެ ބެއްލެވުމުގެ ދަށުންނެވެ. އެ ޚިދުމަތް ދެއްވީ އެކަލޭގެފާނުގެ ދަރަޖަމަތިވެރި ޞަޙާބިއްޔާއިންނެވެ. މިއީ އިންކާރު ނުކުރެވޭވަރަށް ތާރީޚުން ސާބިތުވާ ޙަޤީޤަތެކެވެ.

2. ކައުސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ބޭސްފަރުވާ ކުރުމަށާއި، ބޭސްފަރުވާ ދަސްކުރުމަށް ބާރު އަޅުއްވައިފައެވެ. އެކަމަށް އަމުރު ކުރައްވައިފައެވެ.

3. ކައުސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ޞިއްޙީ ފަރުވާދޭ ކްލިނިކުތަކުގެ ބިންގާ އަޅުއްވައިފައެވެ. السّـيّدة رُفَـيــدة أسلميّــة رضى اللّـه عنـهــا އަށާއި السّـيّدة كـُـعَيـبـة أسلميّـة رضى اللّـه عنـهــا އާ ދެބޭކަނބަލުންނަށް އެކަލޭގެފާނުގެ މިސްކިތްކޮޅާ އިންވެގެން ދެ ކްލިނިކް ހައްދަވައިދެއްވައި (ދެ ފޭލިގެ ޖައްސަވައިދެއްވައި) ފައެވެ.

4. ކްލިނިކުތަކުގައި ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދޭންފެށި މުސްލިމުންނެވެ.

5. އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅުގައި ޞިއްޙީ ޚިދުމަތުގައި ފިރިހެނުންނަށްވުރެ ކުރިޔަށް ނުކުމެތިބީ އަންހެނުންނެވެ. އަންހެނުންގެ މިނިވަންކަމުގެ ތާރީޚުން އެނގޭގޮތުގައި ހުޅަނގުގައި އަންހެނުންނަށް މަތީ ތަޢުލީމުގެ ދޮރު ހުޅުވުނީ ނަވާރަވަނަ ސައްތައިގެ ފަހުކޮޅުގައްޔާއި ވިހިވަނަ ސައްތައިގެ ކުރީކޮޅުގައެވެ. އޭގެކުރީން ހުޅަނގުގެ އަންހެނުންނަށް އެ ފުރުސަތެއް ނެތެވެ. ނަމަވެސް އިސްލާމްދީން މީގެ ސާދަސަތޭކަ އަހަރު ކުރިން ވަނީ ޢިލްމު އުނގެނުމަކީ ވާޖިބެއް ކަމުގައި ކަނޑައަޅައިފައެވެ. އަންހެނުންނާއި، ފިރިހެނުންގެ ތަފާތުކުރުމެއް ނެތިއެވެ. ޚާއްޞަކޮށް އުންމަތް އެކަމަށް ބޭނުންވާހިނދު ބޭސްވެރިކަންފަދަ ފައިދާހުރި ޢިލްމުތައް އުނގެނުމަކީ ކިފާޔަތުގެ ފަރުޟެއް ކަމުގައި ކަނޑައަޅައިފައެވެ. އެހެންކަމުން ބޭސްވެރިކަމުގެ ތާރީޚުގައި މުސްލިމް ކަނބަލުންގެ ދައުރަކީ ވަންހަނާކުރެވޭ ވަރަށްވުރެ ފާޅުކަންބޮޑު ރަން ދައުރެކެވެ. ބައެއް ޚިދުމަތްތައް އަލަށް ފެށުމުގެ ޝަރަފު މުސްލިމުންނަށް ދޭންޖެހެއެވެ. (ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ)

(ނިމުނީ)