އިދިކޮޅު މުޒާހަރާގައި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޖޭއޭއިން ބުނީ، މާލޭގައި މިރޭ ކުރި މުޒާހަރާ ކަވަރުކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.

ޗެނަލް 13 އިން ބުނި ގޮތުގައި އެ ސްޓޭޝަންގެ ނޫސްވެރިޔާ މުހައްމަދު ސަމާހާއި އެ ޗެނަލްގެ އިތުރު ނޫސްވެރިޔަކަށް އަނިޔާވެ އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެގޮތުން ސަމާހުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ބުންނެވެ.

އިދިކޮޅު މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭވެސް ޖަހައިފައެވެ. މުޒާހަރާގެ ބައެއް ބައިވެރިންނަށްވެސް އަނިޔާވެފައިވާ އިރު، މުޒާހަރާ މިހާރު ވަނީ ރޫޅާލައިފައެވެ.