ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މުސާރައަށް ގެންނަ ބަދަލުގެ ފްރޭމްވޯކް ތައްޔާރުކޮށް ނިމޭނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ނައިބު ރައީސް މަރިޔަމް ނިޔާފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ސިވިލް ސާވަންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖެއް ފަށާފައިވާ އިރު، ބައެއް ސިވިލް ސާވަންޓުން ދަނީ މުސާރަ ބޮޑުކުރުމަށް ގޮވާލައި، އިހުތިޖާޖު ހުއްޓާލާނީ މުސާރައިގެ މައްސަލައަށް ހައްލެއް ގެނައުމުން ކަމަށް ބުނަމުންނެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން "ވަން" އިން މިރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނިޔާފް ވިދާޅުވީ މުސާރަ ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. އެގޮތުން 85 ޕަސެންޓް މިހާރު ނިމިފައިވާ އިރު، މިއަހަރު ނިމުމުގެ ކުރިން ފްރޭމްވޯކް ތައްޔާރުކޮށް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

"މުސާރަ ބޮޑުކުރުމުގެ މަސައްކަތުގެ 85 ޕަސެންޓު ނިމިފައިވަނީ މިހާރު. ފްރޭމްވޯކް މިއަހަރު ނިމުމުގެ ކުރިން ނިންމަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" ނިޔާފް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު މިރޭ "ވަން" އަށް ވިދާޅުވީ، ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން އެއްވެސް އިރެއްގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދިފައި ނުވާ ކަމަށާއި އެފަދަ ކަމަކާ ބައްދަލުކޮށްފައި ވެސް ނުވާ ކަމަށެވެ.

ނާސިހު އިތުރަށް ވިދާޅުވީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ބަޖެޓަށް އައި ތާށިކަމެއްގެ ސަބަބުން ޕޭ ކޮމިޝަނުން ކުރިއަށްގެންދާ އިމްޕްލިމެންޓޭޝަން ސްޓޭޖު މަޑުޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސިވިލް ސާވެންޓްސް އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ މި އިހުތިޖާޖަކީ މުޅި ރާއްޖޭގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ ހަރަކާތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން އެ އިހުތިޖާޖުގައި ބައިވެރިވެ އެމީހުންގެ ޝުއޫރުފާޅު ކުރަމުންދާ އިރު، އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ނުކޮށްފިނަމަ މާދަމާއިން ފެށިގެން މަސައްކަތަށް ނުނިކުތުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސިވިލް ސާވަންޓުން ޑިމާންޑު ކުރަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިވިން އެލެވެންސް ދޭ ގޮތަށް އެމީހުންނަށްވެސް ލިވިން އެލެވެންސް ދިނުމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައަޅައި ސެޓުފިކެޓުތަކަށް މުސާރަ ބޮޑުކޮށްދިނުމަށްވެސް ދަނީ ގޮވާލަމުންނެވެ. އަދި ދަށްފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށާއި ސްކޫލުތަކުގައި ތިބޭ އިދާރީ މުވައްޒަފުންނަށް އިތުރު އެލެވެންސެއް ދިނުމަށްވެސް ދަނީ ޑިމާންޑު ކުރަމުންނެވެ.

ސިވިލް ސާވަންޓުން އިހުތިޖާޖު ކުރަމުންދާ އިރު، މުސާރައާއި ވަޒީފާގެ ކުރިއެރުން ނުދޭ މައްސަލައިގައި މިދިޔަ ހަފުތާގައި އައިޖީއެމްއެޗުގެ 500 އަށްވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ.