މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ދިވެހި ސިވިލް ސާވަންޓުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖެއް ފަށައިފިއެވެ.

ސިވިލް ސާވެންޓް އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ މި އިހުތިޖާޖަކީ މުޅި ރާއްޖޭގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ ހަރަކާތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން އެ އިހުތިޖާޖުގައި ބައިވެރިވެ އެމީހުންގެ ޝުއޫރުފާޅު ކުރަމުންދާ އިރު، އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ނުކޮށްފިނަމަ މާދަމާއިން ފެށިގެން މަސައްކަތަށް ނުނިކުތުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވަންޓް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސިވިލް ސާވަންޓުން ޑިމާންޑު ކުރަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިވިން އެލެވެންސް ދޭ ގޮތަށް އެމީހުންނަށްވެސް ލިވިން އެލެވެންސް ދިނުމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައަޅައި ސެޓުފިކެޓުތަކަށް މުސާރަ ބޮޑުކޮށްދިނުމަށްވެސް ދަނީ ގޮވާލަމުންނެވެ.

އޭގެ އިތުރުން ދަށްފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސްކޫލުތަކުގައި ތިބޭ އިދާރީ މުވައްޒަފުންނަށް އިތުރު އެލެވެންސެއް ދިނުމަށްވެސް ދަނީ ޑިމާންޑު ކުރަމުންނެވެ.

ސިވިލް ސާވަންޓުން އިހުތިޖާޖު ކުރަމުންދާ އިރު މިދިޔަ ހަފުތާގައި އައިޖީއެމްއެޗުގެ 500 އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު ރައީސަށް ވަނީ މުސާރައާއި ވަޒީފާގެ ކުރިއެރުން ނުދޭ މައްސަލައިގައި ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ.