ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަން އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، އެމްއެމްއޭ އިން އާންމުކުރި ޓޫރިޒަމް ފޯކާސްޓިން މޮޑެލް ފޯ ދަ މޯލްޑިވްސް ދިރާސާގެ އަންދާޒާތަކާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ރަނގަޅު ހާލަތުގައިވެސް އަންނާނީ 1.4 މިލިއަން ޓޫރިސްޓުންނެވެ. އަދި އެންމެ ދަށް ހާލަތުގައި 1.1 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، 2022ގައި ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރުމުގެ އިތުރުން، 13.5 މިލިއަން ބެޑް ނައިޓްސްވެސް ހަމަވުމަކީ އޭނާގެ އަންދާޒާ ކަމަށެވެ.
އެ އަދަދަށް އަންދާޒާ ކުރައްވަނީ ކޮންކަމަކަށް ބިނާކޮށްތޯ ޓުވީޓުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ ގިނަ ބާވަތްތަކެއްގެ ޓޫރިޒަމުގެ ބެޑް ކެޕޭސިޓީ އިތުރުވުމާއި އިތުރު މާކެޓްތަކަށް ފޯރުމާއި ވައިގެ ދަތުރުފަތުރުތައް އިތުރުވުމާއި އެތެރޭގެ އުދުހުންތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅުވުމަކީ އޭގެ ސަބަބެއް ކަމަށެވެ.
އަދި ރާއްޖޭގެ ޓޫރިޒަމުގެ ރަން އަހަރު ފާހަގަކުރަން ހިންގާ ހަރަކާތްތަކަކީވެސް އެ އަމާޒަށް ވާސިލުވެދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު