ބޮރޫޝިއާ ޑޯޓްމަންޑް

ޑޯޓުމަންޑު ޖާޒީގައި ބެޖެއް ނުފެނޭ، ޕޫމާއިން މައާފަށް އެދިއްޖެ

ބްރޫޝިއާ ޑޯޓުމަންޑުން މިއަހަރަށް ހެދި ތިންވަނަ ޖާޒީގައި ކްލަބުގެ ބެޖު ސާފުވާ ގޮތަށް ފެންނަން ނެތުމުން އެކަމާ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރުމުން ޕޫމާއިން މައާފަށް އެދިއްޖެއެވެ.

ޑޯޓުމަންޑުން ޗެމްޕިއަންސް ލީގުގައި ކުޅުނު ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ބެސިކްޓާސްއާ ދެކޮޅަށް އަވޭގައި ކުޅެފައިވާ އިރު، އެޓީމުން ބޭނުންކުރީ ތިންވަނަ ޖާޒީއެވެ. ލައިމް ރީނދޫ ކުލައެއްގެ ޖާޒީއަކީ 1997/1998 ވަނަ އަހަރުގެ ސީޒަނަށް ހާއްސަކޮށް ހަދާފައިވާ ޖާޒީއެކެވެ. އެ ޖާޒީގައި ކްލަބުގެ ބެޖު ޖަހާފައި ވަނީ ވަރަށް ބޮޑަށް ފަނޑުކޮށެވެ. ކެމެރާތަކަށް ކްލަބުގެ ބެޖު ޖާޒީން ނުވެސް ފެނެއެވެ.

ކުޅުންތެރިން ގޯލު ޖެހުމަށްފަހު ބެޖުގައި އަތް ޖަހައި، ގިނަ ފަހަރު ބެޖަށް ބޮސްދީ އުފާފާޅުކުރާތަން ފެންނަ އިރު، ޖާޒީއެއްގެ މޭ މަތިން ކްލަބުގެ ބެޖު ނުފެނުމަކީ ސަޕޯޓަރުންގެ ބޮޑު މާޔޫސް ކަމަކަށް ވާނެއެވެ. ޑޯޓުމަންޑު ޖާޒީގައި ބެޖު ފެންނަން ނެތުމުން ސަޕޯޓަރުން ވަނީ ޕޫމާ ކުންފުންނަށް ނުރުހުން އަމާޒު ކޮށްފައެވެ.

"ސަޕޯޓަރުންގެ މާޔޫސްކަން، ސަޕޯޓަރުންގެ ނުރުހުން ބަލައިގަންނަން. ޖާޒީގައި ޑޯޓުމަންޑު ބެޖު ވަނީ ކުލައިގެ ޓޯންއަށް ބަލައި، އެންގްރޭވް ކޮށްފައި. އެކަމަކު ސާފުކޮށް ނުފެނޭ، އެއީ ގޯހެއް،" ޖާޒީގެ ކަންކަމާ ގުޅިގެން ޕޫމާގެ ސީއީއޯ ޖޯން ގުލްޑެން ވިދާޅުވިއެވެ.

ޑޯޓުމަންޑުގެ ބެޖު މައްސަލަ ހައްލުކުރުމަށް ކްލަބުން އަމިއްލައަށް ވަނީ މަސައްކަތްކޮށްފައެވެ. އަމިއްލައަށް ބެޖުގެ ސްޓޭމްޕެއް ޖަހަން ކްލަބުން މަސައްކަތް ކުރި ނަމަވެސް އެ ސްޓޭމްޕްވެސް ކެމެރާތަކަށް ފެންނަ ވަރަށްވުރެ ކުލަ މަޑުކަން ވަނީ ފާހަގަވެފައެވެ.