އެމްޕީއެލަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި މުވައްޒަފުންގެ އަގު އެކުންފުނިން ވަޒަންކޮށްފިއެވެ.

އެމްޕީއެލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި އެކުންފުނިން ރިޓަޔާކުރައްވާފައިވާ ބޭފުޅުންނާއި އެކުންފުންޏަށް 20 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރެއްވި ބޭފުޅުންނަށް ވަނީ ހަނދާނީ ފިލާ އަދި ޝަރަފުގެ އައްޑަނަ ދީފައެވެ.

އެގޮތުން އެމްޕީއެލްގެ ހިދުމަތުން ރިޓަޔާކުރެއްވި ހަތް ބޭފުޅަކަށް ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ. އެ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

އޭގެ އިތުރުން އެމްޕީއެލްއަށް 20 އަހަރު ހިދުމަތް ކުރައްވައި ރިޓަޔާކުރެއްވި ފަސް ބޭފުޅަކަށް ވަނީ ޝަރަފުގެ އައްޑަަނަ އަރުވައިފައެވެ. އެބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އަރުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

  • ކެޕްޓަން އަހުމަދު ރަޝީދު
  • މުހައްމަދު ރަޝީދު
  • އައްބާސް މުހައްމަދު
  • ހުސައިން އަހުމަދު
  • މުހައްމަދު ސައީދު

މިރޭގެ ރަސްމިއްޔާތުގައި ވަނީ އެމްޕީއެލްގެ ސްކޮލާޝިޕް ލިބުނު ފަސް މުވައްޒަަފަކަށް ސްކޮލާޝިޕް ލިޔުން ވެސް ހަވާލުކޮށްފައެވެ. އެ ލިޔުން އެ މުވައްޒަފުންނާ ހަވާލު ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.