ޚަބަރު

ތިނަދޫ ޕޯޓުގެ ހިދުމަތް އަންނަ އަހަރު ފެށޭނެ: ޝާހިދު

އަލީ ޔާމިން

ގދ. ތިނަދޫގައި އެމްޕީއެލުން ތަރައްގީކުރާ ޕޯޓުގެ ހިދުމަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޕީއެލުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ފުޅާކޮށް، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ރާއްްޖޭގެ އެކި ސަރަހައްދުތަކުގައި، ސަރަަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓާއި އައްޑޫ ރީޖަނަލް ޕޯޓު އިތުރަށް ތަރައްގީކުރުމުގެ ބައެއް މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ތިނަދޫ ރީޖަނަލް ޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށި އެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. މި ޕޯޓުގެ ހިދުމަތް 2022 ވަނަ އަހަރު ފެށިގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕްރޮޖެކްޓް ކޮންސަލްޓެންޓާ އެމްޕީއެލްގެ ޓީމަކުން ބައްދަލުކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ގުޅިފަޅަށް ޕޯޓު ބަދަލުކުރުމުން ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން ތިނަދޫ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ޖުމުލަ 15 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން 4500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 3000 އަކަ މީޓަރުގެ ސަރަހައްދެއްގައި ރީއެންފޯސް ކޮންކްރީޓް އެޅުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.