ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ފުރާޅަށް، އެތަނުގައި ދިރިއުޅޭ ބައެއް ކުދިން އަރައިގެން އުޅޭ ވީޑިއޯތައް މި ދެތިން ދުވަހަކު ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. މިއަދުވެސް އެކުދިން އުޅެނީ ފުރާޅު މައްޗަށް އަރައިގެންނެވެ. އެއްކުއްޖަކު އަނެއްކުއްޖަކާ ސަކަރާތް ޖަހައި، ދުވެ ހަދާ މަންޒަރު ފެނެއެވެ. އެ މަންޒަރު ބަލަން އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެއްވެފައިވާ އިރު، އެ ސަރަހައްދުގައި މިހާރު ފުލުހުންނާއި އެމްއެންޑީއެފާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފިޔަވަތީގެ ފުރާޅުމަތީގައި ހޭލަމޭލައަށް ފުރާވަރުގެ އަށެއްކަ ކުދިން ތިބި އިރު، އެކުދިން ދަނީ ފުރާޅުމަތީގައި ތިބެގެން އަޑުގަދަކޮށް މަގަށް ބައެއް އެއްޗެހި އުކަމުންނެވެ. ފިޔަވަތީގެ ކުދިން ފުރާޅަށް އެރި ފަހުން އެތަނުގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގައިފައިވެއެވެ. ނަމަވެސް އެ އަލިފާންގަނޑު ވަނީ މާ ގިނައިރުތަކެއް ނުވެ ނިއްވާލައިފައެވެ. ފުރާޅަށް އަރައިގެން އުޅޭ ކުދިން އެތަނަށް އެކިވަރުގެ ގެއްލުންތައް ދެމުންދާ އިރު، އެތަނުގެ ބައެއް ކުޑަދޮރުތަކުގައި ހުރި ބިއްލޫރިތައްވެސް ވަނީ ތަޅާލައިފައެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިރޭ "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި ފިޔަވަތީގެ ފުރާޅަށް ކުދިން އަރައިގެން އުޅެނީ އެއްވެސް ހަމަނުޖެހުމެއް ހިންގާކަށް ނޫނެވެ. އެކުދިން ފުރާޅަށް އަރާފައިވަނީ އެކުދިންނަކީވެސް ފުރާވަރުގެ ކުދިން ކަމުން އެއްކުއްޖަކު އަނެއް ކުއްޖަކަށް ވާދައަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"..110 ކުދިން ފިޔަވަތީގައި ތިބިއިރުގައި ތިބޭފުޅުންނަށް ތި ފެންނަނީ ހައެއްކަ ކުދިން އެނގޭތޯ މި ތިން ދުވަހުގެ ތެރޭގައި. ދެން ފުރާޅަށް އެކުދިން ފުރަތަމަ އަރަން ފެއްޓީ އެކުދިންނަށް ކްލައިމްބް ކުރެވޭނެކަން އެކުދިން އަމިއްލައަށް ދެއްކުމަށް އެއްކުއްޖަކު އަނެއް ކުއްޖަކަށް ވާދައަށް. އެކުދިން ފުރާޅަށް އަރާ އިރު، ބަލަން ކައިރީގައި މީހުން އެބަތިބި، ތިރީގައި މީހުން އެބަތިބި. ދެން ބަލަން ތިބި މީހުން ފޮޓޯ ނަގައިގެން ވީޑިއޯ ނަގައިގެން ފިޔަވަތީގައި ކަމަކަށް މި ހަދަނީ. ކުދިން އެބަ އަޕްސެޓްވޭ ވީޑިއޯ ނެގީމަ. އަޅުގަނޑު މިއަދު ހަވީރުވެސް ގޮސް ހުރިހާ ކުދިން ކައިރީގައި ތިރިއަށް އަންނާށޭ ބުނީމަ އައިސް ތިރީގައި އަޅުގަނޑާއެކު މަސައްކަތް ކުރަން ތިބި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފިޔަވަތީގައި ތިބި ކުދިންގެ ކަންކަން ފުރިހަމައަށް ބެލެހެއްޓެއެވެ. އަދި އެކުދިންނަށް އެއްވެސް ކަމަކަށް ދަތި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.
"އަޅުގަނޑުމެން މި ތިން ދުވަހު ފޮނުވަން ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންވެސް. އެކުދިންނާއެކު ސްޓާފެއް ބަހައްޓައިގެން އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން. ދެން ފުލުހުންވެސް އަޅުގަނޑުމެންނާއެކު އެކުދިންގެ ރައްކާތެރިކަން ބެލެހެއްޓުމަށް މަސައްކަތް ކުރޭ. ގިނަ ކުދިންނެއް ނޫން، ހަމަ މަދުކުދިންކޮޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ފިޔަވަތީގައި ކޮންޓްރޯލެއް ނެތި އެތަނުގެ ފުރާޅުމަތީގައި ކުދިން އުޅެމުންދާ އިރު، އެކުދިން ބޮޑެތިވަމުން އަންނަ ވަރަކަށް އެކުދިންގެ ފަރާތުން ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން މައިންބަފައިން ކައިރީގައި ނެތުމުގެ އުނިކަން އެކުދިންނަށް ވަރަށް ބޮޑަށް ތަހައްމަލުކުރަން ޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން، އޭޒް އަ ޓީމް، ސައިކްރޭސިސްޓުންނާއި ކައުންސިލަރުންނާއި ތެރަޕިސްޓުންނާ އެންމެން އެކީގައި މަސައްކަތް މިކުރަނީ. މިހެން މިކަން ދިމާވާ ކުދިން ހޮސްޕިޓަލަށް ގެންގޮސް އެސެސްމެންޓް ހަދައިގެން އެކުއްޖަކަށް އިންޑިވިޖުއަލީ ރަނގަޅު މަގެއް ހޯދުމަށް އެބަ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިފަހުން ވަނީ ފިޔަވަތީގައި އުޅޭ ކުދިންތަކަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެފައެވެ. ނަމަވެސް އެކަން ފުލުހުންނާއި ޖެންޑާ މިނިސްޓްރީންވެސް ވަނީ ދޮގުކޮށްފައެވެ.
ފިޔަވަތި
ފިޔަވަތި
ފިޔަވަތި
ފިޔަވަތި