ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދެ ގޭމް ރޫމް މިއަދު ހަދިޔާކޮށްފިއެވެ.
މި ގޭމް ރޫމްތައް ހަދިޔާކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ބޭއްވި މިއަހަރުގެ "ފިޔަވަތި ފަން ޑޭ"ގެ ތެރެއިންނެވެ.
އެޗްޑީސީން ބުނީ "ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި ހަދިޔާ ދިނުމާއެކު އެ ކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އަހަރުގެ ފިޔަވަތި ފަންޑޭ މިއަދު ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ.
އެޗްޑީސީން ބުނިގޮތުގައި މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންް ކަމަށެވެ. އެއަށްފަހު، ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަޓެއިންމަންޓާއި ޕޫލް ޕާޓީއެއް ވަނީ ބާއްވައިފައެވެ. އެއަށްފަހު ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވައިފައެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ޕާޓީގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މެޑަމް ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެ ކުދިންނާއެކު ކޭކު ފެޅުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިން ރޫމް ހަދިޔާ ކުރުމެވެ. އެގޮތުން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ފިޔަވަތީގައި މި ގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000 ރުފިޔާގެ ފަންޑު ރެއިޒްކޮށްފައެވެ. އަދި "ފިޔަވަތި ފަންޑޭ" ނިންމާލުމުގެ ގޮތުން އެޗްޑީސީން ވަނީ މި ޑޮނޭޝަން ފިޔަވައްޗާ ހަވާލުކޮށްފައެވެ.
އެޗްޑީސީގެ ފަރާތުން ގޭމިން ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް ރަޝީދެވެ. އަދި ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން މަނިކެވެ.
ޚަބަރު
ޚަބަރު
ޚަބަރު