ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް މިއަހަރު ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

ކޮންމެ އަހަރަކު ކާމިޔާބުކަމާއެކު ބާއްވަމުން އައި ކްލަބު މޯލްޑިވްސް ކަޕް، މިދިޔަ އަހަރު ނުބޭއްވުނީ ކޮވިޑް 19 ގެ ސަބަބުންނެވެ. ފުރަތަމަ މިދިޔަ އަހަރު އޭފްރިލް މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކްލަބް މޯލްޑިވްސް ކަޕް އެ އަހަރު ނޮވެންބަރު މެދުތެރޭގައި ބާއްވަން މަސައްކަތްކުރި ނަމަވެސް ހާލަތު އޮތްގޮތުން އޭރުވެސް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.

ކްލަބު މޯލްޑިވްސްއިން އިއުލާން ކޮށްފައިވާ ގޮތުގައި ކްލަބު މޯލްޑިވްސް ކަޕް އަންހެން އަދި ފިރިހެން ޑިވިޝަންގެ ދެ މުބާރާތްވެސް މިއަހަރު ނޮވެމްބަރު މަހު ހަތަރެއްގައި ފެށޭނެއެވެ. މިއަހަރުވެސް ފިރިހެން ޑިވިޝަނަށް ހުޅުވާލާނީ 32 ޓީމަށް ކަމަށް ކްލަބު މޯލްޑިވްސް އިން ބުނެއެވެ.

ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް ބާއްވާތާ 14 އަހަރު ވެއްޖެއެވެ. އެ މުބާރާތަކީ ރާއްޖެއަށް ފުޓްސަލްގެ ފޯރި ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މުބާރާތެވެ. ރާއްޖޭގެ އެންމެ ވަރުގަދަ، މަޝްހޫރު ފުޓްސަލް ކުޅުންތެރިންވެސް ކްލަބު މޯލްޑިވްސްއިން ތައާރާފު ވެގެން އައި އިރު، އެ މުބާރާތަކީ އަދިވެސް އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މުބާރާތުގައި އަބަދުވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ ތަރިން ފެނިގެން ދެއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކްލަބު މޯލްޑިވްސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް ހޯދާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.