ޚަބަރު

ޔާމީން މައްސަލައިގެ އިސްތިއުނާފު: އަންގާރަ ދުވަހުގެ ކުރިން އާ ހެކިތައް ހުށަހަޅަން އަންގައިފި

އިބްރާހިމް ޒަކީ

މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެގެން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި ޝަރީއަތުގެ މަޖިލީހަށް ހުށަހަޅަންޖެހޭ އާ ހެކިތައް އަންނަ އަންގާރަ ދުވހުގެ ކުރިން ހުށަހެޅުމަށް، އެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑީޔާރު މަހާޒް އަލީ ޒާހިރު އަންގަވައިފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެކަން އަންގަވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ، މައްސަލަ އިސްތިއުނާފު ކުރާ ރައީސް ޔާމީންގެ ފަރާތުން މައްސަލައިގެ ނުކުތާތައް ހުށަހަޅަމުންދާ އިރު، ދަށު ކޯޓަށް ހުށަހެޅިފައިނުވާ އަދި ދަށު ކޯޓު މަރުހަލާގައި ހާމަކޮށްފައިނުވާ އެހެންނަމަވެސް މައްސަލައިގެ ވާގިއާތަކަށް ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ހެކިތައް ހުށަހަޅަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

އެ ހެކިތައް ފާހަގަވެގެން އަންނަނީ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ޝަރީއަތަށް ހުށަހަޅަމުން އަންނައިރު ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ އިސްތިއުނާފު ކުރި ފަރާތާއި މައްސަލަ ރައްދުވާ، ދައުލަތުގެ ފަރާތުން އެ ހެކިތަކުގެ ލިސްޓެއް ވަކިން ހަދައި އެ ހެކިތަކަކީ ކޮބައިކަމާއި، އެ ހެކިތަކާ ގުޅޭ އިސްތިއުނާފީ ނުކުތާއަކީ ކޮބައިކަން އެނގޭނެހެން ކުރުކޮށް ޝަރީއަތަށް ހުށަހެޅުމަށްވެސް ވިދާޅުވިއެވެ.

އެ ލިސްޓު ހުށަހެޅުމުގެ ބޭނުމަކީ، މިހާރު ކުރިއަށްދަނީ އިސްތިއުނާފުގެ މަރުހަލާކަމަށްވެފައި، އާ ހެކިތަކާއި އާ ގާނޫނީ ނުކުތާތައް ފާހަގަކުރުމަކީ އިސްތިސްްނާއި ހާލަތެއްގައި ފުރުސަތު ދެވޭ ކަންތައްތައް ކަމަށްވުމުން ކަމަށްވެސް ވިދާޅުވިއެވެ.

"މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ޖަވާބުތައް ހުށަހެޅުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލުމުގެ ކުރިން ދެ ފަރާތަށް ހާއްސަކޮށް މި ހެކިތަކާ ގުޅޭގޮތުން އެތަކެތި ޝަރީއަތުގެ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ވާހަކަދެއްކުމަށް ފުރުސަތު އެރުވުމަށްފަހު އެ ބަލައިގަންނަ ކަމަށްވާނަމަ އެއަށް ދޭންޖެހެ ބުރަދަން ދީ މައްސަލައާއިގެން ކުރިއަށްދެވޭތޯ ބަލާނަން،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ޝަރީއަރުގެ މިއަދުގެ އަޑުއެހުން މެންދުރުފަހު 3:00 ގައި ނިންމާލިއިރުވެސް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާ ނުނިމެއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.