ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް 25 އޮކްޓޫބަރު 2015 ގައި ގެންދެވި ކަޅުދަބަހުގެ ތަފްސީލު ހަފުތާއެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކާ ގުޅުންހުރި ޖިންސީ މައްސަލަތަކެއްގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ވަނީ ކޮށްފައެވެ.
އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.
އެ މައްސަލަތަކުގެ ބައެއް އަޑުއެހުންތައް ކުރިިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ނަމަވެސް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ކޯޓުން ދިން ހަތަރު މަސްދުވަހުގެ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް ރާއްޖެ ވަޑައިނުގަންނަވައި އަލީ ވަހީދު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
ދައުލަތުގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އިންސާނެއްގެ މިނިވަންކަން ނުޙައްގުން ހިފަހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނޯންނާނެ ކަމަށާއި ރިފޯމްގެ ނަމުގައި އެއް ލޯފާމަކަށް ޖުޑީޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބުކޮށްލައިފި ކަމަށެވެ. އޭގެ އިތުރުން "25 އޮކްޓޯބަރު 2015 ގައި ޕީޖީ ޝަމީމް ގެންދެވި ކަޅުދަބަހުގެ ތަފްސީލު ހަފުތާއެއް ތެރޭ ހާމަކުރާނަން،" ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިހެން ވިދާޅުވި އިރު، އޭނާގެ ޕާސްޕޯޓް ކެންސަލު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ މިދިޔަ އަންގާރަ ދުވަހު އެކޯޓުން ވަނީ ނިންމައިފައެވެ.
އެ މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ، ދައުލަތުން އެދިފައިވަނީ އަލީ ވަހީދުގެ ކެންސަލް ވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް ކަމަށެވެ.
އެއީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު ގެންގުޅުއްވި ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމަށާއި އެ ޕާސްޕޯޓަކީ މިނިސްޓަރުކަމުގެ މަގާމުން ނެތިދިއުމާ ހަމައިން ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ކަމަށްވެސް ހައިކޯޓުން ބުނެފައިވެއެވެ.
މަނީ ލޯންޑާ ކުރުމުގެ މައްސަލައިގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތު އިއުތިރާފު ބަހުން، ދިވެހިރާއްޖޭގައި މިވަގުތު މިނިވަން ޝަރުއީ ނިޒާމެއް ނެތްކަމަށް އެނގޭކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އޮތީ 'ޝަމީމީ ނިޒާމެއް' ކަން ވަރަށް ސާފު ކަމަށް ވިދާޅުވެ، އިތުރު އަޑުއެހުންތަކާ ބަހަނާތައް ނުދައްކައި ރައީސް ޔާމީން މިނިވަންކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.