އެމްޑަބްލިޔުއެސްސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ފަސް ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިއްޔެ ވަނީ އެމްޑަބްލިޔުއެސްސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފައެވެ.

އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން ދިމާވި ތަފާތު އެކިއެކި ގޮންޖެހުންތަކާ އެކުގައިވެސް މިދިޔަ އަހަރަކީ އެކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި 2019 ވަނަ އަހަރާ އަޅައި ބަލާއިރު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މިއަހަރު ފަސް ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

މި ކާމިޔާބީ އާއި ކުރިއެރުން ހާސިލު ކުރެވިފައިވަނީ ކުންފުނީގެ މެނޭޖްމަންޓުން ކުންފުނި ހިންގުމަށާއި ހަރަދު ކުޑަކުރުމުގައި ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން ކޮވިޑްގެ އުނދަގޫ ދުވަސްވަރުގައި ކުންފުނީގެ މުވައްޒަފުން މަޑުޖެހުމެއްނެތި ހީވާގިކަމާ އެކު މަސައްކަތްކޮށް، އާއްމު ރައްޔިތުންނަށް މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކުންފުނީގެ ހިދުމަތްތައް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި މީހުން ބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން ކުންފުނިން ދެމުންގެންދާ ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށް މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒްކޮށް، އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމް ކުރުމާ އެކު އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމުކޮށް، މާލެ އާއި ހުޅުހުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.