އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގެ އާ ސަފީރު ކަމަށް އައްޔަން ކުރަން ނިންމާފައިވަނީ މިހާރު އިންޑިއާއިން އޮމާނަށް ކަނޑަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ.

ނަމަވެސް މުނޫ، އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ތާރީހެއް ބުނެފައެއް ނުވެއެވެ.

އިންޑިއާގެ ސަފީރަކަށް މިހާރު ހުންނަވަނީ، ސަންޖޭ ސުދީރެވެ. އޭނާ އެ މަގާމާ ހަވާލުވެލެއްވީ، 5 މާޗު 2019 ގައެވެ.

ކުރީ ސަރުކާރުން ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ނަމަވެސް މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.