ޚަބަރު

އީސީގެ ރައީސް ކަމަށް ފުއާދު އިންތިހާބުކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު އިންތިހާބުކޮށްފިއެވެ.

އީސީން މިއަދު ބުނީ ފުއާދު، އީސީގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އީސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު އެ ކޮމިޝަންގެ މެމްބަރުކަމުން މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ.

ފުއާދު ވަނީ އީސީގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ހުރިކަން މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ކުރިމަތިލާނީ އެ ކޮމިޝަންގެ މެމްބަރުންނާ މަޝްވަރާކޮށް، މެމްބަރުންގެ ތާއީދު ލިބިގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފުއާދު ވަނީ 2008 އިން 2009 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ފުރުއްވައިފައެވެ. އަދި 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު ތައުފީގު ހުންނެވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ.

އީސީގެ ރައީސްކަމާއި މެމްބަރުކަމުން ޝަރީފް އިސްތިއުފާ ދިނުމާ ގުޅިގެން އެ މަގާމަށް ވަނީ ހ. އިރުވައި/ މުހައްމަދު އާސިފް އައްޔަންކޮށްފައެވެ. އާސިފްގެ އިތުރުން މިހާރު މެމްބަރުންގެ ގޮތުގައި ތިއްބެވީ ފުއާދާއި ޑރ. މުހައްމަދު ޒާހިރާއި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބާއި އަލީ ނަޝާތެވެ.