ޚަބަރު

އެމްއާރުއެމްގެ ޒައީމް ކަމަށް ރައީސް މައުމޫން ކުރިމަތިލައްވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ޒައީމް ކަމުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިލައްވައިފިއެވެ.

އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރުއެމްގެ ވަގުތީ ރައީސަކީ ވެސް ޚުދު އެމަނިކުފާނެވެ.

އެމްއާރުއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިރު، ކޮންވެންޝަންގައި ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު މާދަމާގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އެމްއާރުއެމްގެ ކޮންވެންޝަންގައި އިންތިހާބު ކުރާ މަގާމުތަކުގެ ތެރޭގައި އެޕާޓީގެ ޒައީމް ކަމާއި ރައީސް ކަމުގެ މަގާމު ހިމެނެއެވެ. ޒައީމް ކަމަށް ރައީސް މައުމޫން ކުރިމަތިލެއްވިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެމްއާރުއެމްގެ ރައީސް ކަމަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވާދަކުރައްވާނެ އެވެ. އަދި ނައިބު ރައީސަކަށް މިހާރުވެސް އެމަގާމުގައި ހުންނެވި އާމިނަތު ނާދިރާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާދަކުރައްވާނެ އެވެ.