ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރަނީ

އައިޝަތު ނިއުޝާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު "ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެ ކުންފުނީން މި މަހު ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ، 80 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތް އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 4.3 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭ ފޭސް ދޭއްގައި މީހުން އާބާދުވާން ފެށި އިރު އެ ސަރަހައްދަށް ބޭނުންވާ އަސާސީ ބައެއް ކަންކަން ވަނީ ނުނިމި އެވެ. އޭގެ ތެރޭގައި ސްކޫލުތަކާއި މިސްކިތް، ފިހާރަ އަދި ކެފޭ ފަދަ ތަންތަން ވެސް ނެތުން ހިމެނެ އެވެ.