ކޮންމެ މަޔަކާ ބަފަޔަކީވެސް އެ މީހުންގެ ދަރިން ދެ ލޮލުގެ ކޮއެ ފަދައިން ބަލާނެ މީހުންކަން ޔަގީނެވެ. ދަރީންދެކެ ރުޅިވެސް އަންނާނެ އެވެ. ބަސްނާހާ ނަމަ ތަދުވާ ވަރަށް އެކަމަކު އަނިޔާ ނުވާ ވަރަށް، ބައެއް ފަހަރު ޖަހާލާނެ އެވެ. އެކަމަކު އެދަރިފުޅު ވަކިވެގެން ދިޔުން އެއީ އެއްވެސް މަޔަކު ބޭނުން ވާނެ ގޮތެއް ނޫނެވެ. ހިތަށް ކުޅަދާނަ ވެގެންވާނެ ކަމެއްވެސް ނޫނެވެ.
މީގެ ހައެއްކަ އަހަރު ކުރިން ދެކުނުގެ ރަށަކަށް އުފަން (ނަން ހާމަކުރަން ބޭނުންނުވާ) އެ އަންހެންމީހާ އއ. ބޮޑުފުޅަދޫ މީހަކާ އިނީ ދެ ފަރާތު އާއިލާގެވެސް ރުހުމާއެކު އެވެ. ދެމަފިރިންނަކީ ވަރަށް ލޯބިން އެކަކު އަނެކަކާއެކު އުޅެމުން އަންނަ ދެމީހުންނެވެ. ކައިވެންޏަށް އަހަރެއް ވީތަނާ ދެމަފިރީންނަށް ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ. ނަމަވެސް އެ ކުއްޖާ ވިހެއިތާ މާގިނަ ދުވަހެއް ނުވެ ވަނީ މަރުވެފަ އެވެ. އޭގެ ދޮޅު އަހަރު ފަހުން އަނެއްކާވެސް އެ ދެމަފިރިންނަށް ކުއްޖެއް ލިބުނެވެ. އެކުއްޖާގެ އުމުރުން މިހާރު ދެ އަހަރު ވެދާނެ އެވެ.
އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި އެ ދެމަފިރިންނަށް ލިބުނު ތިން ވަނަ ދަރިފުޅު ވަނީ މިދުނިޔެއާ އަލްވަދާއު ކިޔައިފަ އެވެ.
ބޮޑުފުޅަދޫ އިން "ވަން" އާ ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެ ކުއްޖާގެ ބައްޕަ އެ ކުއްޖާ ކޮނޑަށް ލައިގެން ވަރަށް ބާރަށް ދުވެފައި ދިޔަ މަންޒަރު ފެނުނު ކަމަށެވެ. އޭރު ކުއްޖާގެ އަނގަޔާއި ނޭފަތުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ ކަމަށެވެ.
އެކުއްޖާގެ މަންމަ އާއި އާއިލާގެ މީހުންވެސް އޭރު އެ ކުއްޖާގެ ބައްޕަ ފަހަތުން ދުވެފަ ކަހަލަ ގޮތަކަށް ސިއްހީ މަރުކަޒަށް ދިޔަ ކަމަށާއި ވެގެން އުޅޭ ގޮތް ބެލުމަށް އޭނާވެސް އެތަނަށް ދިޔަ ކަމަށެވެ. އޭރު ކުއްޖާ މަރުވެއްޖެ ކަމަށް އާއިލާގެ މީހަކު ބުނި އަޑު އިވުނު ކަމަށްވެސް އޭނާ ބުންޏެވެ.
އެރަށުން "ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ ކުއްޖާ މަރުކަޒުން ގެއަށް ދޫކޮށްލި އިރު މުޅި ރަށުތެރޭގައި އެކި ގޮތް ގޮތަށް ކުއްޖާގެ މަރުގެ ވާހަކަ ދެކެވުނު ކަމަށެވެ. ދެން އެކަން އޮޅުން ފިލުވުމަށް އޭނާ ބޭނުންވި ކަމަށާއި އެގޮތުން އާއިލާ މީހެއް ގާތު އެހުމުން އެނގުނީ ކުއްޖާ ކޮށި އަރައިގެން މަރުވީ ކަމަށް ކަމަށް ވެސް ބުންޏެވެ.
"ރަށުތެރޭގަ ދެކެވުނީ ބުއް ދޭން ޖައްސައިގެން އޮއްވައި ނޭފަތް ފިތިގެން ނޭވާ ނުލެވިގެން މަރުވީ އޭ. ދެން ބުނީ ގައިދަށު ވެގެންނޭ. ދެން ކަން ވީ ގޮތް އޮޅުންފިލުވަން ދިޔަ އިރު ކުއްޖާއަށް ބުއްދޭން އޮއްވައި މަންމަ އަށްވެސް ނިދުނީ. ދެން އެއްކަލަ އޮށޯވެގެން އޮވެވޭ ގޮތަކުންވެސް ކުދިން ކޮށި އަރައެއްނު. އެގޮތަށް ކުއްޖާ ކޮށި އެރީ ކަމަށް އެ ކުއްޖާގެ އާއިލާ މީހަކު ބުނީ." އޭނާ ބުންޏެވެ.
އުމުރުން އެންމެ ދޮޅު މަހުގެ މި ތުއްތު ކުއްޖާގެ މަންމަ ނިދިން ހޭލެވުނު އިރު ކުއްޖާ އޮތީ ހޮޑުލެވިފަ އެވެ. އަދި ހޮޑާއެކު ލޭވެސް އައިސްފައިވާ ކަމަށާއި ކުއްޖާގެ ނޭފަތުންނާއި ހުރިހާ ދޮރަކުން ލޭ އައިސްފައިވާ ކަމަށް ކުއްޖާގެ އާއިލާގެ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ކިޔައިދިނެވެ. އަދި ކުއްޖާގެ ފުއްޕާމެއަށް ކިރު އެޅި ފުއްޕާމޭ ފަޅައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވަނީ ބުނެފަ އެވެ.
ކުއްޖާގެ މަންމަ އަކީ ކޮންމެވެސް ވަރަކަށް ބަލި މީހެއް ކަމަށާއި ކުދީންގެ ކަންކަމުގައި ވަރުބަލިވެގެން ބުއްދޭން ޖައްސާލި ވަގުތު ނިދިދާނެކަން ގަބޫލު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
"އެއީ ދެން ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް. ކުއްޖާގެ މަންމަ އަކީ ބަލި މީހެއް. ކުޑައިރުއްސުރެންވެސް ބަލި. ދެން އެހެން ދަރިން ކަންކަމާ ގޭތެރޭގެ ކަންކަމުގަ އުޅޭއިރު ވަރުބަލިވެގެން ނިދިދާނެ ކޮންމެ މީހަކަށްވެސް. އެކަމަކު ކަމެއް ދިމާވެދާނެ ހަމަ. އެކަމަކީ ކުއްޖާގެ މަންމަގެ އިހުމާލުން ނޫނީ ފަރުވާ ކުޑަވެގެން ދިމާވި ކަމެއް ނޫން." އޭނާ ބުންޏެވެ.
ދަރިފުޅުގެ މަރާއެކު އެ ދެމަފިރިން ވަރަށް ބޮޑަށް މާޔޫސްވެއްޖެ އެވެ. އެހެން ނަމަވެސް އެންމެންގެ ހިތްވަރާއެކު ކުރިއަށްދާން އެ ދެމަފިރިން ތިބީ ތައްޔާރަށެވެ.
ބޮޑުފުޅަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު ރަޒީނާ މުހައްމަދު ވިދާޅުވީ އިއްޔެ މެންދުރު ކުޑަ ކުއްޖާ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކުޑަކުދިން ބުއް ކޮށިއެރުން އެއީ އާންމު ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިފަދަ ކަމެއްގައި ކުޑަކުއްޖަކު މަރުވުން އެއީ އާންމު ކޮށް ވާ ކަމެއް ނޫން ކަމަށެވެ.
ފައިސަލް ވިދާޅުވީ ކޮށިއެރުމުން އެންމެ އާންމުކޮށް ދިވެހިން ކުރާ ކަމަކީ ބުރަކަށީގައި ތެޅުން ކަމަށެވެ. ނަމަވެސް މިއީ ވަރަށް ބަލައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. މި ތުއްތު ކުއްޖާގެ މަރާ ގުޅޭ ތަފުސީލެއް ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން މިކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދަތިކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް