ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހު ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ އެ ޖަމިއްޔާގެ އެންމެ މަތީ މަގާމެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކަށް މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގައި މިރޭ ފެށި 76 ވަނަ ސެޝަންގެ ފުރަތަމަ ޖަލްސާގައި މިނިސްޓަރު ޝާހިދު ވަނީ ރައީސްކަމުގެ ހުވާ ކުރައްވައި ރިޔާސަތާ ހަވާލުވެވަޑައިގެންފައެވެ.
ޝާހިދު ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވުމާއެކު އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ވަނީ ފެށިގެން ގޮސްފައިއެވެ. މި ސެޝަންގައި މިނިސްޓަރު ޝާހިދު ވަނީ ތަގުރީރުކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ މި މަޖިލީހުގެ ކުރިމަތީގައި ހުއްޓި ހުންނެވީ ހުރިހާ ބޭފުޅުން ދެއްވި އިތުބާރާއި ހަވާލު ކުރެއްވި ޒިންމާ އާއި މަސްއޫލިއްޔަތުގެ މަތިވެރިކަން އިހުސާސް ކުރަމުން ކަމަށެވެ. އަދި ރާއްޖެއަށް ތިޔަ ދެއްވި އިއްޒަތާއި ޝަރަފަށްޓަކައި ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
ޝާހިދު ވިދާޅުވީ މިއަދު ރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މިދަނީ ބައިނަލްއަގުވާމީ އެންމެ އުސް ކުރިބޯށީގައި ކަމަށެވެ. އަދި ދިވެހި ގައުމުގެ ފަހުރުވެރި އަބުތޯލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މިދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު